ކޭޕާކުން ގެއްލުން ލިބުނު މީހުންގެ ޕެޓިޝަނެއް ރައީސަށް

ކޭ ޕާކް ރެޒިޑެންސް ---

ކޭޕާކު ފްލެޓުތަކަށް ފައިސާ ދިން މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެމީހުންގެ ފަރާތުން ޕެޓިޝަނެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއަށް ހުށަހަޅައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ 2016ވަނަ އަހަރުން ފެށިގެން ހަދަމުން ދިޔަ އިމާރާތުގެ މަސައްކަތް އަދިވެސް ނުނިމި ވަނީ މަޑުޖެހިފައެވެ.

އެ އިމާރާތްކުރި ހަންބޯ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މަކަރާއި، ހީލަތުގެ މައްސަލައެއް ޖެހި، އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކުގައެވެ.

މަންޑޭގެ މައްޗަށް ތުހުމަތުކުރެވެނީ އެ ފްލެޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލާފައިވާ ކަމަށެވެ. އަދި، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކުމާއި، ކާރު ފަަދަ މުދާ އެޕާޓްމެންޓުގެ އަގުގެ ބަދަލުގައި ނެގުން އަދި ނުއަގުގައި އެޕާޓްމެންޓު ވިއްކުންފަދަ ކަަންކަން އޭނާގެ ފަރާތުން ހިނގާފައިވާކަމަށް އެ ކުންފުނީގެ މައި ހިއްސާދާރު ތުހުމަތުކުރެއެވެ.

އެ މައްސަލައިގައި މަންޑޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް އެ ތުހުމަތުތައް ކުރަނީ އަބުރު ގެއްލުވާލުމުގެ ނިޔަތުގައި ކަމަށެވެ.

އެ ފްލެޓްތަކަށް ފައިސާ ދިނުމަށް ފަހު، ފްލެޓު ނުލިބުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ ފަރާތުން ހުށަހެޅި ޕެޓިިޝަނުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އެޗްޑީސީއާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް މައްސަލައިގެ ހައްލެއް ލިބިފައިނުވާ ކަމަށް އެ ޕެޓިޝަނުގައި ވެއެވެ.

"އުމުރުދުވަހު އެއްކުރެވުނު ފައިސާއަކާ އަދި ނުވިތާކަށް ދަރަންޏަށް ފައިސާ ނަަގައިގެން، އެ ދަރަނިތައް ބޮލުގައި އަޅައިގެން ގިނަބަޔަކު ބޭންކުގެ އިންޓަރެސްޓު ދައްކާތާ އެތައް އަހަރެއް ފާއިތުވީ އިރު ވެސް މި އިމާރާތް ނުނިންމުނެވެ." އެ ޕެޓިޝަނުގައި ވެއެވެ.

އެ އިމާރާތާ އިންވެގެން ހުރި ޖާހުގެ "ގާޑެންސް" ފްލެޓުތައް ނުނިމި ދިގުލައިގެން ދިއުމުން އެޗްޑީސީން އަތުލާފައިވީ ނަމަވެސް، ކޭޕާކަށް އެފަދަ ހައްލެއް ވެސް ލިބިފައިނުވާކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން މާލޭގައި ހަދަމުން ދިޔަ "ސީލައިފް" ފްލެޓުތަކުގެ މައްސަލައިގައި ގެއްލުން ލިބުނު ބައެއް މީހުންނަށް ސަރުކާރުގެ ވިނަރެސް މަޝްރޫއުގެ ދަށުން ވަކި ކެޓަގަރީއެއް ޚާއްސަކޮށް ފްލެޓު ދީފައިވެއެވެ. އަދި، ގާޑެންސް ނިންމުމާ އެޗްޑީސީން ހަވާލުވެފައިވެއެވެ.

comment ކޮމެންޓް