ފިހާރައެއް ފަޅާލައިގެން އެތަނަށް ވަން މީހާ ދާން ޖެހުނީ ހުސް އަތާ

ހދ. ކުޅުދުއްފުށީ ސިޓީ ބަރާބަރު، ފިހާރަ ފަޅައިލައި ވައްކަން ކުރަން އުޅެފިއެވެ.

"ސަން"އާ ވާހަކަދައްކަމުން އެ ފިހާރައިގެ ވެރިފަރާތުގެ އާއިލާ މެންބަރަކު ބުނީ ރޭ މެންދަމުން އަލިވެ، 3:30 ހާއިރު، "ބަރާބަރު" ކިޔާ ފިހާރައިގެ ދޮރުފަތް ނައްޓައިގެން ވަގަކު ވަދެ، ކޭޝިޔަރު މޭޒުގެ ވަތްގަނޑު ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ނެތުމުން އިތުރު އެއްޗެއް ނުގެންގޮސް ނުކުމުގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

"ބަރާބަރު ފިހާރައިގެ ދޮރުފަތް ނައްޓާލައިގެން ވަގު ވަދެ އެއްވެސް އެއްޗެއް ނެގިކަން އަދި ބުނާކަށް ނޭނގެ. ވަތްގަނޑުގައި ރޭގަނޑު ފައިސާއެއް ނުބަހައްޓަން. ވަކިލާރިކޮޅު ހުރިގޮތަށް ހުރި. ހާސްވެފައި ހުރި ވަރުން ވަން ދޮރުން ނުކުމެގެން ދިޔައީ ހުސް އަތާ ކަމަށް ބެލެވެނީ،" އޭނާ ބުންޏެވެ.

ވަގުގެ ހަރަކާތްތައް ފެންނަ ވީޑިއޯ ފުޓޭޖެއް "ސަން"އަށް ވަނީ ލިބިފައެވެ. އެ ފުޓޭޖުން ކޯޓެއް ލައި، މޫނު ނިވާކޮށްގެންހުރި މީހަކު އެ ފިހާރައިގެ ދެ ދޮރުފަތް ނައްޓާލައިގެން އެތެރެއަށް ވަދެ، ކޭޝިއަރު މޭޒުގެ ވަތްގަނޑު ހުޅުވައެވެ. އެއަށްފަހު، ކުޑަ އިރު ކޮޅަކު ބަލަހައްޓައިގެން ހުރެފައި ނުކުމެގެން ދަނީއެވެ.

ކުޅުދުއްފުށީ ބަރާބަރު ފިހާރަ ފަޅާލުން --

މިފިހާރައިގައި ހުންނަނީ ކާޑުގެ ބާވަތްތަކާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދަލެވެ.

ކުޅުދުއްފުށީގައި މި ފަހަކަށް އައިސް ފިހާރަ ފެޅުން ވަނީ އާންމުކަމަށް ވެފައެވެ. އެގޮތުން މިދިޔަ 30 ހަކަށް ދުވަސް ތެރޭގައި އެ ސިޓީން ފަސް ފިހާރައެއް ފަޅާލާފައިވެއެވެ.

comment ކޮމެންޓް