ކެއްކުމާއި ކާނާއާ ބެހޭ ހުރިހާ ވާހަކައެއް، ޝެފް މަހާއާއެކު އެސްއެސް މީޑީއާއިން

އެސްއެސް މީޑިއާއާއި، ޝެފް މަހާ ނަސީރާ ގުޅިގެން ޕްރޮގްރާމްތަކެއް އުފެއްދުމަށް ވެވުނު އެއްބަސްވުމުގެ ތެރެއިން ---

ކެއްކުމާއި، ކާބޯތަކެއްޗާ ބެހޭ ގިނަ ޕްރޮގްރާމްތަކެއް އުފެއްދުމަށް މަޝްހޫރު ޝެފް، މަހާ ނަސީރުއާ އެކު އެސްއެސްމީޑިއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން އެސްއެސްމީޑިއާގައި ކެއްކުމާއި ކާބޯތަކެއްޗާ ގުޅޭ އެކި ޕްރޮގުރާމުތަކާއި، އެހެނިހެން ކޮންޓެންޓު މަހާ އުފައްދާނެއެވެ.

އޭގެ ތެރޭގައި، އެސްއެސްޓީވީ، ސަން އޮންލައިން އަދި އެސްއެސްމީޑިއާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދޭ ތަފާތު އުފެއްދުންތަކާއި، ހަފުތާ ކޮލަމް ހިމެނެއެވެ.

މީގެ އިތުރުން، އެކި ކަންކަމަށް އެހީ ހޯދުމަށްޓަކައި ފަންޑްރެއިޒިން ސީއެސްއާރު އިވެންޓުތައް ބޭއްވުމަށް ވެސް ރާވާފައިވެއެވެ. އަދި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ކުންފުނިތަކާ ގުޅިގެން ވެސް ބައެއް ކަންކަން ކުރުމަށް ހަމަޖެހިފައިވެއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެސްއެސްމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ މަހާގެ ތަޖުރިބާއާއި، ހުނަރާއެކު ބެލުންތެރިން ޝައުގުވެރިވާނެ ފަދަ އުފެއްދުންތަކެއް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮގްރާމްތަކުގެ ޒަރީއާއިން، ޝެފް މަހާ މެދުވެރިކޮށް އަޅުގަނޑުމެންގެ ބެލުންތެރިންނާއި، އަޅުގަނޑުމެންގެ އެކިއެކި ކޮންޓެންޓު ބައްލަވާ ބޭފުޅުންނަށް ވަރަށް ގިނަ ޕްރޮގުރާމުތައް ގެނެވޭނެ ކަމުގެ އުންމީދުގައި އަޅުގަނޑުމެން މި މަސައްކަތް މި ފެށީ،" މޮންދު ވިދާޅުވިއެވެ.

މަހާ ވިދާޅުވީ އެސްއެސްމީޑިއާއާ ގުޅިގެން މަސައްކަތް ކުރާނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި، ފުޑް ސައިންސް ބޭނުންކޮށްގެން ތަފާތު އުފެއްދުންތަކެއް ގެނެސްދިނުމަށް ކަމަށެވެ.

"މިހާރު ބޭނުންވަނީ، އެސްއެސްމީޑިއާއިން އަޅުގަނޑަށް މިކަހަލަ ފުރުސަތެއް ދެއްވީތީ އެސްއެސްމީޑިއާގެ އަހުލުވެރިންނަށް ވަރަށް ރަނގަޅު ކޮންޓެންޓުތަކެއް ގެނެސްދެވޭތޯ މަސައްކަތްކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

މަހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަޔާ އާޓްސް އެންޑް ކުޒީންއިން ތައުލީމް ހާސިލް ކުރައްވާފައިވާ ޝެފެކެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރަމުން އަންނަ މަހާ އަކީ މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑުން ދޭ މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.

އަދި ބައިނަލްއަގުވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ސެފްސް ސޮސައިޓީ (ވެކްސް)ގެ ކޮންޓިނެޓަލް ޖަޖްއެއްގެ ދަރަޖަ ވެސް މަހާ ނަސީރު މި ފަހުން ވަނީ ލިބިފައި އެވެ.

އޭނާ ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ.

comment ކޮމެންޓް