ދިވެހިންނަށް ވިސާއާ ނުލައި ކިރްގިސްތާނަށް ދެވޭ ގޮތް ހަދައިފިއެވެ.
މިއަދު ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން ކިރްގިސްތާނަށް ވިސާއާނުލައި ދަތުރު ކުރެވޭނެ ކަމަށެވެ.
މި ގޮތަށް ވިސާއާނުލައި ކިރްގިސްތާނަށް ދަތުރު ކުރެވޭ ގޮތަށް ހެދީ މިދިޔަ އަހަރު 23 ސެޕްޓެމްބަރުގައި ކިރްގިސްތާނާއި ރާއްޖެއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތް ނަމަ، ކުރިއަށް ވިސާ ނެގުމަކާ ނުލައި ދިވެހީންނަށް 30 ދުވަހުގެ މުއަދަތަކަށް އެ ޤައުމުގައި ތިބެވޭނެ ކަމަށް ވެސް އެ މިނިސްތްރީން ވަނީ ބުނެފައެވެ.
ވިސާއާނުލައި އެ ގައުމަށް ދަތުރުކުރެވުނު ނަމަވެސް، ދިގު މުއްދަތަކަށް، މިސާލަކަށް ތައުލީމު ހާސިލުކުރަން، އެ ގައުމުގައި މަސައްކަތް ކުރަން ނުވަތަ ވިޔަފާރީގެ ކަމެއްގައި އެ ގައުމުގައި މަޑު ކުރާނަމަ، ވިސާ ބޭނުން ވާނެ ކަމަށް ވެސް މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ވެއެވެ.
ކިރްގިސްތާނަށް ވިސާއާނުލައި ދަތުރުކުރެވޭ ގޮތް މިއަދު ހަދައިފައިވާއިރު، ވިސާާއާނުލައި ސައުދީއަށް ދަތުރުކުރެވޭ ޤައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނުނީ މީގެ ތިން ހަފުތާ ކުރިންނެވެ.