ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުން ކުރިއަށް ދާއިރު ވަކި މީހަކަށް ވަކި ގޯއްޗެއް ދޭކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރޭ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ، ގުރުއަތު ނަގާ ފޮށިތަކުގައި ކަރުދާސް ހުރީ އެންމެ ފުރަތަމަ ދުވަހު ވެސް އެޅިގޮތަށް ކަމަށެވެ. އަދި ފޮށިތައް ބަންދު ކުރަނީ އެންމެ ފަހުން ގުރުއަތު ނަގަން ޓެންޓަށް ވަންނަ މީހުންގެ ހާޒިރުގައި ކަމަށާއި ފޮށި ސީލް ކުރުމަށް ފަހު އެ ސީލް ކަނޑާނީ އަނެއް ދުވަހު އެންމެ ފުރަތަމަ ގުރުއަތު ނަގަން ވަންނަ މީހުންގެ ހާޒިރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ފޮށި ބަންދުކޮށްފަ އެ ހިނގާ ވަގުތު މިތަން އޮންނަނީ އަޅުގަނޑުމެންގެ މުވައްޒަފުންނާއި ފުލުހުންގެ ބެލުމުގެ ދަށުގައި،" އާރިފް ވިދާޅުވިއެވެ.
މީގެ އިތުރުން، ގުރުއަތުލާ ޓެންޓުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް ޔެސް ޓީވީން ލައިވް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ، ވަކި މީހަކަށް ވަކި ގޯއްޗެއް ދޭކަމަށް ބުނެ ވާހަކަ ފެތުރުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. އަދި ބޭނުންވާ މައުލޫމާތެއް ނަމަ ގަލޮޅު ދަނޑަށް އައިސް އެ މައުލޫމާތެއް ސާފުކުރުން ނުވަތަ ކަން ހިނގާ ގޮތް ބެލުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް މާލެއިން ގޯތި ދޭން ސަރުކާރުން ނިންމީ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. މިހާރު ކުރިއަށް ދަނީ ޝަރުތު ހަމަވާ މީހުންނަށް ގޯތީގެ ގުރުއަތު ނެގުމެވެ.
އެއަށްފަހު އަންނަ ހަފުތާގައި އެމީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ހުޅުމާލެއިން ބިން ލިބުނު މީހުންނަށް ބިން ކަނޑައިދިނުމުގެ މަސައްކަތް ވެސް ހައުސިން މިނިސްޓްރީން ފަށާނެއެވެ.