ހުރަވީ ސްކޫލުގެ ގްރޭޑު ހަތެއްގައި ކިޔަވާ 12 އަހަރުގެ ރަޔާން ރިޔާޒް އަބްދުލް ވާހިދު އުމުރުން އަދި ކިތަންމެ ކުޑަ ނަމަވެސް ދެކެނީ ބޮޑެތި ހުވަފެންތަކެކެވެ. އަމާޒަށް ވާސިލްވާން ކުރަނީ އެހާމެ ބޮޑެތި މަސައްކަތް ތަކެކެވެ. އެ މަސައްކަތް ތަކުގެ ނަތީޖާ ވެސް އެހާ ބޮޑެވެ. ހަގު އުމުރުގައި އެހާ ބޮޑެތި މަސައްކަތް ތަކެއް އޭނާ އެ ކުރަނީ ސައިންޓިސްޓަކަށް ވުމުގެ އުންމީދުގައެވެ.
ރަޔާންއާ އެހެން ކުދިންނާ އެތައް ގޮތަކުން ތަފާތު ވެސް މެއެވެ. އެ ތަފާތު އޭނާގެ މަންމަ އައިޝަތު ޔުމްނާއަށާއި ބައްޕަ މުހައްމަދު ރިޔާޒަށް އެންމެ ފުރަތަމަ ފާހަގަ ވާން ފެށީ އުމުރުން ދެ އަހަރުގައެވެ. ރަޔާނަށް އެތައް ގޮތަކުން އޯޓިޒަމްގެ އުނދަގޫތައް ކުރިމަތި ވެއެވެ.
ކުޑަ އިރު ވެސް ރަޔާން އަކީ ކިޔެވުމަށް ޝައުގުވެރިވާ ކުއްޖެކެވެ. އެގޮތުން އެންމެ ތުއްތު އިރު ވެސް ޔޫޓިއުބް ވީޑިއޯތަކުން ފެންނަ އެއްޗެއްހި ރަޔާން ވަރަށް ފަސޭހައިން ދަސްކުރެއެވެ. އިނގިރޭސި އާއި ދިވެހި އަދި ގުރުއާން ވެސް ރަޔާން އެފަދައިން ދަސްކުރިއެވެ.
ޚާއްސަކޮށް ކެމިސްޓްރީއަކީ ރަޔާން އެންމެ ޝައުގުވެރިވާ އެއް މާއްދާއެވެ. އެ ޝައުގުވެރިކަން ގްރޭޑް އެކަކާ ހިސާބުން ރަޔާން އައީ ދައްކަމުންނެވެ.

"ގޭތެރޭގަ ވެސް ވަރަށް ފޮތް ހުންނާނެ. ފޮތް ތަކު ތެރޭ އުޅޭނީ އެކަމަކު އަޅުގަނޑު ވެސް ކެމިސްޓްރީއާ ގުޅޭ ފޮތް ގިނައިން ގެންގުޅެނީ. އެހެން ވެގެން ކަންނޭނގެ އެހާ ކުޑައިރުން ފެށިގެން ކެމިސްޓްރީއަށް ޝައުގުވެރިވީ،" މިހާރު ހުރަވީ ސްކޫލުގައި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި އުޅޭ ރަޔާންގެ މަންމަ ޔުމްނާ ބުންޏެވެ.
އެ ޝައުގުވެރިކަން އެހެން ހަރުފަތަކަށް ގޮސް ކަންކަން ދަސްކުރަން ރަޔާން ފެށީ އުފަން ރަށް ހއ. އިހަވަންދުއިން 2019ވަނަ އަހަރު މާލެ ބަދަލުވި ހިސާބުންނެވެ. އަދި 2020ވަނަ އަހަރުގެ ކުރީކޮޅު ފެތުރު ކޮވިޑުގެ ބަލިމަޑު ކަމުގެ ތެރޭގައި ގޭގައި ހުރިހާ ވަގުތެއް ހޭދަކުރަން ޖެހުމުން އޭނާއަށް ޝައުގުވެރިވާ ކަންކަން ދަސްކުރަން ލިބުނު ވަގުތު ވެސް ގިނަވީއެވެ.
"ސާޗް ކޮށް ހަދާނެ އަމިއްލައަށް. ޚާއްސަކޮށް ކޮމްޕައުންޑްސްއާ އޭގަ ހުންނަ އެލެމެންޓްސްއާ އެއްޗިއްސަށް ވަރަށް ޝައުގުވެރި ވާނެ. މައުލޫމާތު ހޯދައިގެން އަމިއްލައަށް ޕްރެޒެންޓޭޝަން ހަދާ ޑޮކިއުމެންޓްސް ހަދާފަ ހުންނާނެ ވަރަށް ގިނައިން،" ހިތުގައި ދުވަހެއް ދުވަހަކަށް ހެދި ބޮޑުވަމުން ދިޔަ ޝައުގުވެރިކަމާ އެކު އަމިއްލައަށް ރަޔާން ކަންކަން ދަސްކުރި ގޮތް ޔުމްނާ ކިޔައިދިނެވެ.
އަމިއްލައަށް އުނގެނި، އެންމެ ފުރަތަމަ އޯލެވެލް އިމްތިހާނަކަށް ރަޔާން ކުރިމަތި ލީ 2021ވަނަ އަހަރެވެ. ރަޔާން ބޭނުން ވެގެން އެ އިމްތިހާނުގައި ބައިވެރިވި އިރު އޭނާގެ އުމުރުން ދިހަ އަރެވެ. އެ އަހަރު ރަޔާން އޯލެވެލް އިމްތިހާން ހެދީ ކެމިސްޓްރީން އެކަންޏެވެ. އަދި އިމްތިހާނުން އޭނާ ވަނީ އޭ ސްޓާ ހޯދައިފައެވެ.

އެއަށް ފަހު މިދިޔަ އަހަރު މޭ/ޖޫން ގައި އޮތް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވެ ރަޔާން ވަނީ ބައޮލޮޖީ، އިނގިރޭސި، ހިސާބު އަދި ފިޒިކްސްއިން އޯލެވެލް ހަދާފައެވެ. މި އަހަރު އިމްތިހާނުން ރަޔާން ވަނީ ބައޮލޮޖީން އޭސްޓާ ހޯދާފައެވެ. އަދި ދެން ހުރި މާއްދާތަކުން ހޯދާފައި ވަނީ، އޭ ގްރޭޑެވެ.
މިއީ ރަޔާން އަދި އޭނާގެ ބެލެނިވެރިން ވެސް ވަރަށް ހިތްހަމަ ޖެހޭ ނަތީޖާއެކެވެ. މި ނަތީޖާ ހޯދުމަށް ރަޔާން މަސައްކަތް ފެށީ މީގެ އަށް މަސް ކުރިންނެވެ. އެގޮތުން ގޭގައި ޕާސްޓް ޕޭޕަރުތައް ހެދުމުގެ އިތުރުން ރަޔާން ވަނީ ސްކޫލު ޓީޗަރުން ކައިރިން ޕްރައިވެޓް ކޮށް ޓިއުޝަން ނަގާފައެވެ.
އިމްތިހާނަށް ތައްޔާރުވުމަށް ކުޑަ ދުވަސްކޮޅެއް ލިބުނު ނަމަވެސް ރަޔާން މަސައްކަތް ކުރީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ. އޯޓިޒަމްގެ އުނދަނގޫތައް ދިމާވި ނަމަވެސް އޭނާގެ އަޒުމާއި ހިތްވަރު މާ ގަދައެވެ.
ރަޔާން އާއި އޭނާގެ މަންމަ ޔުމްނާ ވަނީ ރަޔާންއަށް އެކި ގޮތްގޮތުން އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ޚާއްސަކޮށް ރަޔާންއަށް ޓިއުޝަން ދިން ޓީޗަރުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ރަޔާން މިހާރު ބޭނުން ވަނީ އޭލެވެލް އިން ކުރިއަށް ދިއުމަށެވެ. ރަޔާންގެ މައިންބަފައިން ވެސް މިހާރު މަސައްކަތް ކުރަނީ ރަޔާންއަށް އޭލެވެލް އިން ކިޔަވައި ދިނުމަށެވެ. އެހެން ނަމަވެސް އެކަން ފަސޭހައިން ވާން ނެތުމަކީ ރަޔާން ފަދަ ގިނަ ކުދިންގެ ބެލެނިވެރިން ފާހަގަ ކުރާ ކަންބޮޑުވުމެކެވެ.
ރަޔާންއަކީ ތަފާތު ކުއްޖެއް ނަމަވެސް އޭނާގެ ހިތްވަރުން ސާބިތުވީ ނުގުޑާ އަޒުމަކާ އެކު މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނޭ ކަމެވެ. އަދި ކޮންމެ ކުއްޖަކީ ވެސް މުޖުތަމައުއަށް ބޭނުންތެރި ކުއްޖެއް ކަމެވެ.