މައިކްރޮސޮފްޓުން އެކްސްބޮކްސް 360ގެ އޮންލައިން ފިހާރަ އަންނަ އަހަރު ބަންދުކުރަން ނިންމައިފިއެވެ.
މައިކްރޮސޮފްޓްއިން ބުނީ އެކްސްބޮކްސް 360ގެ އޮންލައިން ސްޓޯރާއި މާކެޓްޕްލޭސް އަންނަ އަހަރު ބަންދުކުރާނެ ކަމަށާއި އެއީ އެ ކުންފުނީގެ އެންމެ ފަހުގެ ކޮންސޯލްތަކާއި ސަބްސްކްރިޕްޝަން ސާވިސް ގޭމް ޕާސްއަށް މިހާރު އިސްކަންދޭން ކަމަށެވެ.
އެކްސްބޮކްސްގެ ވެބްސައިޓުގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ، އެކްސްބޮކްސް 360 ސްޓޯރާއި އެކްސްބޮކްސް 360 މާކެޓްޕްލޭސް އަންނަ އަހަރުގެ ޖުލައި 29ގައި ބަންދުކުރާނެ ކަމަށާއި ކުރީގެ ކޮންސޯލް ބޭނުންކުރާ ގޭމަރުންނަށް އެއަށް ފަހު އާ ގޭމްތައް ގަނެ ޑައުންލޯޑް ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މައިކްރޮސޮފްޓުން މިހާރު ވެސް ގަނެފައިވާ އެކްސްބޮކްސް 360 ގޭމްތަކާއި ކޮންސޯލާގެ ކުރީގެ ޓައިޓަލްތަކާއި ގޭމްތައް ބޭނުން ކުރުމުގެ ފުރުސަތު އެއަށް ފަހުވެސް ދޭނެއެވެ.
ދެހާސް ފަސް ވަނަ އަހަރު ތައާރަފުކުރި އެކްސްބޮކްސް 360އަށް ފަހު ވަރަށް ގިނަ ބަދަލުތަކެއް ވަނީ އައިސްފައި ކަމަށާއި، އެ ޓެކްނޮލޮޖީ ތަރައްގީވެ، ކުޅުންތެރިންގެ އުންމީދުތައް ބަދަލުވެ، އަދި އެކްސް ބޮކްސް ސީރީޒް އެކްސް އެސް އަކީ މިހާރު އަދި މުސްތަގުބަލުގައި ކުޅެން އެންމެ ރަނގަޅު ތަނަކަށް ހެދުމަށް އެކުންފުނިން ސަމާލުކަން ދެމުން އަންނަކަމަށް އެކްސްބޮކްސް އިން ބުންޏެވެ.
މައިކްރޮސޮފްޓުން 2016 ވަނަ އަހަރު އެކްސްބޮކްސް 360 އުފެއްދުން ހުއްޓާލިއިރު އޭގެ އެއް އަހަރު ފަހުން ވަނީ ކޮންސޯލްތަކާއި ވިންޑޯޒް ޕްލެޓްފޯމްތަކުން އެކްސެސް ކުރެވޭނެ ސަބްސްކްރިޕްޝަން ގޭމިން ހިދުމަތެއް ކަމަށްވާ އެކްސްބޮކްސް ގޭމް ޕާސް ތައާރަފުކޮށްފައެވެ.
ފަހުން މައިކްރޮސޮފްޓުން ވަނީ ކޮންސޯލްގައި ހުރި މޫވީސްތަކާއި ޓީވީ އެޕް ވެސް ނަގަން ނިންމައިފައެވެ.
ސޮނީގެ ޕްލޭސްޓޭޝަން 3 އާ ވާދަވެރި، އެކްސްބޮކްސް 360 އަކީ މިހާތަނަށް އެންމެ ގިނައިން ވިކޭ ގޭމިން ކޮންސޯލްއެވެ.
މައިކްރޮސޮފްޓުން 2014 ވަނަ އަހަރާ ހަމައަށް އެކްސްބޮކްސް 360ގެ ގާތްގަނޑަކަށް 84 މިލިއަން ޔުނިޓް ވިއްކާފައިވެއެވެ.