ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކުރާނަން: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު ދ. ކުޑަހުވަދޫގައި --

(ދ. ކުޑަހުވަދޫން އާލިމް އަބްދުއްލަތީފް)

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމެއްގައި ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސީ އެމްބިއުލާންސްގެ ޚިދުމަތް ވެސް ތައާރަފްކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މި ރަށުގެ އެއާޕޯޓުން ވެސް ބަލި މީހުން އުފުލުމުގައި ހުރި ދަތިކަން މި ރަށުގެ ރައްޔިތުން ފާހަގަކޮށްފައިވާ ކަމަށެވެ.

ޑރ. މުއިއްޒު ކުޑަހުވަދޫ ސަޕޯޓަރުންނާއެކު ފޮޓޯ ނަންގަވަނީ --

އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް އޭނާގެ ވެރިކަމެއްގައި ތައާރަފްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މިހާރު ދުއްވާ ސީޕްލޭނެއްގައި ފުރޮޅު ހަރުކޮށް، ފުލީ އިކުއިޕްޑް ބޯޓުތަކަކަށް ހަދައި އެއާ އެމްބިއުލާންސްގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަވާނެކަމަށް ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ އެ ފަދަ އެތައް ބޯޓުތަކެއް ގެންނަވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އާސަންދައާމެދު ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ އެބަހުރިކަަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ބޭރުގެ ގައުމެއްގައި ފަރުވާ ހޯދަން ގޮސް އުޅޭއިރު، ފަރުވާ ހޯދާ ހޮސްޕިޓަލް ނޫން އެެހެން ހޮސްޕިޓަލަކަަށް ބަދަލުވެއްޖެނަމަ ބޮޑު ފީއެއް ދައްކަން ޖެހޭ ކަމަށާއި އެ ފީ އާސަންދައިން ކަވަރުނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ކުޑަހުވަދޫގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ --

އެ ކަން ބަދަލުކޮށް އެ ފީ އާސަންދައިން ކަވަރުކުރާނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އާސަންދައިން ދަރިމައިވުމުގެ ދަތިކަން ހުންނަ މީހުންނަށް ފަރުވާ ނުހޯދޭކަމުގެ ކަންބޮޑުވުން އޮތްކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އާސަންދަ ކަވަރުކުރާ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް އިތުރުކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެެވެ.

ރާއްޖޭގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކުރެވުނީ 2014ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ.

comment ކޮމެންޓް