ސުޕްރީމް ކޯޓު ޤާއިމްކުރެވެންދެން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތުތައް ހަތަރު ބޭފުޅަކާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވައިފި

00:21


ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމް ކޯޓު ޤާއިމްކުރެވެންދެން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން ހަތަރު ބޭފުޅަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޙަވާލުކުރައްވައި އެކަމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ މިރޭ ނެރުއްވައިފި އެވެ. އެ ހަތަރު ބޭފުޅުންނަކީ، މ. ގުލްފާމްގޭ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ބ. އޭދަފުށީ، ކެލާ، އައްޝައިޚު ފައްޔާޒް ޢަލިމަނިކާއި މއ. ބްލޫގްރާސް، އަލްއުސްތާޛު އަޙްމަދު މުރާދާއި، ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޤަރާރު މި ނެރުއްވީ، 7 އޯގަސްޓު 2008 ދުވަހު ޢަމަލުކުރާން ފަށައިފައިވާ ޤާނޫނު އަސާސީގެ 14 ވަނަ ބާބު ކަމަށްވާ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތައް ޤާނޫނު އަސާސީ އަށް ޢަމަލުކުރާން ފަށާތާ ދެ އަހަރުވުމުން ނިމުމަކަށް އަންނާނެ ކަމަށް ބަޔާންކޮށްފައި ވާތީ އަދި މިއަދު، 7 އޯގަސްޓު 2010 ދުވަހު އިންތިޤާލީ މަރްޙަލާ ނިމުމަކަށް އައުމާއެކު، ޤާނޫނު އަސާސީގެ 282 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ ސުޕްރީމް ކޯޓުގެ ދައުރު ނިމުމަކަށް އައިސްފައިވާތީ، ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމްކޯޓު ޤާއިމްކުރެވިފައިނުވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތް ކަމަށް ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސުޕްރީމްކޯޓު ނެތުމުން ދިމާވާ ޤާނޫނީ ހުސްކަން އަޔަނުދެއްވުމަށްޓަކައެވެ.
ހަމަ އެއާއެކު، ޤާނޫނު އަސާސީގެ 297 ވަނަ މާއްދާގެ (ހ) ގައި، އެ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި އެ ޤާނޫނު އަސާސީގައިވާ ގޮތަށް މަގާމުތަކަށް މީހުން ޢައްޔަންކޮށް ނިންމައި، އަދި، އެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް، އެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް އުފައްދައި ނިންމަންވާނެ ކަމަށް ބުނެފައިވާތީ، ސިވިލް ސަރވިސް ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރައްވާފައިވާ މެންބަރުން ޢައްޔަން ކުރައްވާފައިވާ ކުރެއްވުން، 2010 އޯގަސްޓް 7 ވަނަ ދުވަހު ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.


އަދި އިންތިޤާލީ މަރްޙަލާ ނިމުމުގެ ކުރިން ދާއިމީ ކުރައްވަން ޖެހޭ ސަފީރުން ދާއިމީ ކުރެވިފައިނުވާތީ އެ ބޭފުޅުންގެ ސަފީރުކަން ވެސް ވަނީ ނިމުމަކަށް އައިސްފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެއީ ސްރީލަންކާގައި ހުންނަވާ ސަފީރު އަލީ ހުސެއިން ދީދީ އާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ސަފީރު ހުސެއިން ޝިހާބާއި ޗައިނާގައި ހުންނަވާ ސަފީރު ސީވީޑް އަހުމަދު ލަތީފެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު