ގޫގުލްއިން ނައިޖީރިއާގެ 20،000 މީހުންނަށް ޑިޖިޓަލް ހުނަރު ދަސްކޮށްދެނީ

ގޫގުލްއިން ނައިޖީރިއާގެ 20،000 ޒުވާނުންނަށް ޑިޖިޓަލް ހުނަރުތަކަށް ދަސްކޮށްދޭން ނިންމައިފިއެވެ.

ނައިޖީރިއާގައި މަސައްކަތް ކުރާ ގޫގުލްގެ އިސް މުވައްޒަފުން ބުނި ގޮތުގައި އެ ކުންފުނިން އެގައުމުގެ ޒުވާނުން ތަމްރީނު ކުރުމުގެ އިތުރުން، ޑިޖިޓަލް ދާއިރާގައި އެއް މިލިއަން ވަޒީފާ އުފެއްދުމަށް 1.2 ބިލިއަން ނައިރާ (1.2 މިލިއަން ޑޮލަރު) ހިލޭ އެހީގެ ގޮތުގައި ދޭނެއެވެ.

ނައިޖީރިއާގެ ނައިބު ރައީސް ކާޝިމް ޝެޓިމާ، އެފްރިކާގައި ތިއްބަވާ ގޫގުލްގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ވަނީ ޒުވާނުންގެ އާބާދީއަށް ޑިޖިޓަލް ވަޒީފާތަކެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ވަޒީފާތައް އުފައްދައިދޭނެ ޓައިމްލައިނެއް ޝެޓިމާ ނުދެއްވައެވެ.

ގޫގުލް އޮފިޝަލުން ވިދާޅުވީ އެ ކުންފުނިންދޭ ހިލޭ އެހީގެ ދަށުން ވަޒީފާ އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ނައިޖީރިއާގެ ޖަމިއްޔާއެއް ކަމަށްވާ 'ޑޭޓާ ސައިންސް ނައިޖީރިއާ' އާއި 'ކްރިއޭޓިވް އިނިޝިއޭޓިވް ފޯ އެފްރިކާ'އާ ގުޅިގެން ކަމަށެވެ.

ޝެޓިމާ ވިދާޅުވީ ގޫގުލްއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަކީ ޑިޖިޓަލް އިގްތިސާދުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އެ މަޝްރޫއުގައި ނައިޖީރިއާގެ ބޭންކްތަކާ ގުޅިގެން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝެޓީމާ ވިދާޅުވިއެވެ.

ގޫގުލްއިން ހުޅަނގު އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު އޮލުމިޑޭ ބަލޮގުން ވިދާޅުވީ އެ ކުންފުނިން ފައިސާ ދީ، ނައިޖީރިއާގެ އަންހެނުންނާއި ޒުވާނުންނަށް ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދީ، ސްޓާޓްއަޕްތައް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ވަޒީފާތައް އުފައްދާނެ ކަމަށެވެ.

ގޫގުލް އެފްރިކާގެ ޑިރެކްޓާ އޮފް ގަވަމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީ ޗާލްސް މުރިޓޯ ވިދާޅުވީ، މުޅި އެފްރިކާގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓް ކުރުމަށް ގޫގުލްއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޑިޖިޓަލް ތަރައްގީއަކީ ވަޒީފާގެ ފުރުސަތުތައް އިތުރަށް ތަނަވަސް ވެގެންދާނެ ކަމެއްކަމަށެވެ.

comment ކޮމެންޓް