ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
މޭޔަރު އާތިފާއި މެމްބަރު ޔާސިރު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ ސޯލްޓް ކެފޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.
މޭޔަރުގެ އިތުރުން ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ވެސް މިރޭ ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

މޭޔަރު އާތިފް އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ޝާހިދާއި މިނިސްޓަރު އަމީރާއެކު
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވެސް ހުންނެވީ އެމްޑީޕީގައެވެ. އޭނާ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެއްނުވެއެވެ.
މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެމްޑީޕީން އެއްޗެއް ނުބުނެއެވެ. އަދި މިކަމާ ގުޅޭގޮތުން މޭޔަރު އާތިފާއި މެމްބަރު ޔާސިރުގެ ބަހެެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.