ސުޕްރީމް ކޯޓްގެ ތަޅުދަނޑި ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މަދަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

23:40


ސުޕްރިމް ކޯޓްގެ ތަޅުދަނޑި ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މަދަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.


ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ދެންމެ ވިދާޅުވީ ގާނޫނު އަސާސީން ޕްރޮސެކިއުޓަރ ޖެނެރަލް އަށް ލިބިދީފައިވާ ބާރުގެ ދަށުން، އެ ތަޅުދަނޑި ހޯދުމަށް މައްސަލަ މަދަނީ ކޯޓަށް ވެއްދި ނަމަވެސް، އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ވަކި އިރެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.


ސަން އެފްއެމަށް ދެއްވި އިންޓަވިއުއެއްގައި ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިޒް މިރޭ ވިދާޅުވީ ސުޕްރީމް ކޯޓްގެ ތަޅުދަނޑި ސިފައިން ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ތަޅުދަނޑި ވަގުތުން ދޫކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލަށް އަންގަވައިފައިވާ ކަމަށެވެ.


ސުޕްރީމު ކޯޓުގެ ތަޅުދަނޑި ހިފެހެއްޓީ މިއަދު ހަވީރު ހަތަރެއް ޖެހިއރު ސުޕްރީމް ކޯޓު ހުޅުވަން ތަޅުދަނޑި ބަލައިދިއުމުންނެވެ. ސަރުކާރުގެ އެހެން އޮފީސްތަކެކޭ އެއްގޮތަށް ސުޕްރީމް ކޯޓްގެ ތަޅުދަނޑިތައް ވެސް ބަހައްޓާފައި ހުންނަނީ ސިފައިންގެ ހެޑް ކުއާޓާސް، ބަނޑޭރިގޭގަ އެވެ.


ސަންއެފްއެމްގެ ބްރޭކިން ނިއުސަށް ދެއްވި އިންޓަވިއުއެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތަޅުދަނޑި އަތުލުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ. އަދި އެއީ ދުސްތޫރީ ހަޔާތަށް ކުރިމަތިވި ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އަބްދުﷲ ސައީދު ވިދާޅުވި އެވެ.   


އެހެންކަމުން، އެކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލަށް ދަންނަވައިގެން ކަމާބެހޭ ކޯޓަކުން ކޯޓު އަމުރެއް ހޯދުމަށްޓަކައި މަސައްކަތްކުރައްވަމުން އަންނަ ކަމަށް އަބްދުﷲ ސައީދު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު ތަޅުއަޅުވާފައި ވީ ނަމަވެސް، އެ ކޯޓުގެ ފަނޑިޔާރުންނަށް އަމުރު ނެއްރުއްވޭނެ ކަން އަބްދުﷲ ސައީދު ފާހަގަކުރައްވަމުން ވިދާޅުވީ، އެމަނިކުފާނު މާދަމާ ވެސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ.  


ސައީދު ސިފަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓަށް އަރައިގަތް އަރައިގަތުމަކީ، ރާއްޖޭގެ ސިޔާދަތަށް އަރައިގަތުން ފަދަ އަމަލެކެވެ. އަދި ސުޕްރީމް ކޯޓު ދެމި ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ސުޕްރީމް ކޯޓު ގާއިމްކުރެވެންދެން މިހާރުގެ ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށް ވެސް އަބްދުﷲ ސައީދު ވިދާޅުވި އެވެ.  


ސުޕްރީމް ކޯޓުގެ މުވައްޒަފުންނަކީ ފަނޑިޔާރުންނަށް އެހީތެރިވެ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން ތިބި ބައެއް ކަން ފާހަގަކުރައްވާ އަބްދުﷲ ސައީދު ވިދާޅުވީ، އެ މުވައްޒަފުން ކުއްލިއަކަށް ރައީސް އޮފީހަށް ހާޒިރުވުމަށް ނޭންގޭނެ ކަމަށެވެ. އަދި އެގޮތަށް އެ އަމަލު ހިންގެވުމުން ޝަރުއީ ދާއިރާއަށް ވެސް ހުސްކަމެއް އަންނާނެ ކަމަށާއި އެއީ ސީދާ ކުށުގެ އަމަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.


ސަންއެފްއެމް ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވީ އެ ގޮތަށް ތަޅުދަނޑި ހިފެހެއްޓިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އަދި އެކަމާދޭތެރޭ އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު