ފޭސްބުކްއަކީ ތަފާތު އެކި ކަހަލަ ދޮގު ވާހަކަތަކާއި މައުލޫމާތު އެންމެ ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ އެއް ޕްލެޓްފޯމެވެ. ދުނިޔޭގެ ފެންވަރުގައި ވެސް މިއީ ބޮޑު މައްސަލައަކަށް ވެފައިވާއިރު މިއީ އާއިލާގެ ދުވަސްވީ މެމްބަރުން އެންމެ ގިނައިން ގެންގުޅޭ ޕްލެޓްފޯމެވެ. އަދި މަންމަ އާއި ބައްޕަ އަދި ކާފަމެން ފަދަ އާއިލާ މެމްބަރުން މި ވާހަކަތައް ފަސޭހައިން ގަބޫލު ކޮށްލައެވެ. ނަމަވެސް މިހާރުގެ ޒުވާނުންނަށް ވެސް މިއޮތީ އެކަހަލަ ގޮތެއް މިއަދު ވެފައެވެ.
ކޮންމެވެސް ތަނެއްގައި އާދަޔާ ހިލާފު ކަމެއް ވެގެން އުޅޭ ތަން ނުވަތަ ކޮންމެވެސް ކަހަލަ އާދަޔާ ހިިލާފު އެއްޗެއް ފެނިގެން އުޅޭ ވާހަކަތައް އަބަދުވެސް މަންމަމެން ދައްކައެވެ. އެއީ އަބަދު ފޭސްބުކުން ފެންނަނީ މިފަދަ ކަންތައްތަކަށް ވާތީއެވެ. ރަނގަޅަށް ބަލާލާއިރަށް މިއީ ކޮންމެވެސް މީހަކު ލޯ ކޮލިޓީކޮށް ހަދާފައިވާ އެޑިޓެއްގައި ފާޑެއްގެ ކެޕްޝަނެއް ޖަހައިގެން ސަމާލުކަން ހޯދަން އުޅޭ ކޮންޓެންޓެވެ.
ވިއުސް ހޯދުމަށް ތައްޔާރުކުރާ މި ކްލިކް ބެއިޓް ކޮންޓެންޓުގެ މައިގަނޑު ޝިކާރައަކަށް ވަނީ މަންމަމެންނެވެ. މިއީ ޒުވާނުންނަށް ހަމަ ރަނގަޅަށް ވެސް އެނގޭ ވާހަކައެވެ. އެއާއެކު އެތައް ބަޔަކު ޖޯކު ޖަހަމުން ދިޔައީ މިކަމަށެވެ. ނަމަވެސް މިއަދު މިއޮތީ ޒުވާނުންނަށް ވެސް މިފަދަ ގޮތެއް ވެފައެވެ.
ނަމަވެސް ފޭސްބުކްގެ ބަދަލުގައި ޒުވާނުންނަށް އެންމެ ގަބޫލު ކުރެވޭ ޕްލެޓްފޯމަކަށް ވެފައިވަނީ ޓިކްޓޮކެވެ. ޓިކްޓޮކުން ފެންނަ ކޮންޓެންޓެއް ވެއްޖެ ނަމަ އެ ގަބޫލުކޮށްލައިގެން ތިބޭ އެތައް ބަޔަކު މިހާރު އުޅޭނެއެވެ.
"ފޭސްބުކުން ފެންނަ ކަހަލަ ބައެއް ކޮންޓެންޓް ހަމަ ފެނޭ. އެކަމު ޒުވާނުންނަށް ބޮޑަށް ހުންނަނީ އަމާޒުކޮށްފައި. ހަމަ ފޭސްބުކްއަށް ހަޖޫ ޖެހި ގޮތަށް ޓިިކްޓޮކް ވަރަށް ފަސޭހަައިން ގަބޫލު ކޮށްލެވޭ،" ޒުވާނަކު ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ޓިކްޓޮކުން ޕްރޮޑަކްޓު ރިވިއު އެއް ފެނިގެން އެ ރަަނގަޅު ކަމަށް ބުނެފި ނަމަ އެއީ ގަބޫލު ކޮށްލަން ވަރަށް ފަސޭހަ ކަމަކަށް ވެއެވެ.
ޓިކްޓޮކްގެ ކޮންޓެންޓު އަތުރާލެވިފައި ހުންނަނީ އެމީހަކަށް އެންމެ ކަމުދާ ކޮންޓެންޓުތަކުގެ އަލްގޮރިދަމްއަށް ބަލައިގެންނެވެ. ނަތީޖާއެއްގެ ގޮތުން ކަމުދާ ހެން ހީވާ އެތައް އެއްޗެއް އެއްތަނަކުން ފެންނަނީ މައުލޫމާތުގެ ހުސްނުވާ ފަދައިންނެވެ.
"ކުރިން ފަހަރަކު ޓިކްޓޮކުން ވަރަށް މޮޅުވާނޭ ބުނި ހެއާ ކެއާ ޕްރޮޑަކްޓްތަކެއް ގަތީން. އެކަމު ހަމަ ވީ އެއް ކަމެއް ވެސް ނެތް،" އިތުރު ޒުވާނަކު ކިޔައިދިނެވެ.
ޕްރޮޑަކްޓުތަކުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅޭ ބައެއް ކަހަލަ ވާހަކަތަކަކީ ވެސް ވަރަށް ގިނައިން ޓިކްޓޮކްގައި ދެކެވޭ ވާހަކައެވެ. މިއީ ވެސް ހަމަ ބައެއް ޒުވާނުންނަށް ހަމަ ވަަރަށް ފަސޭހައިން ގަބޫލުކޮށްލެވޭ ވާހަކަތަކެވެ.