ރާއްޖެއިން ބޭރުގައި 2017 ވަނަ އަހަރު ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވި ކަމަށް ބުނާ ހަތަރު ދިވެއްސަކާ ގުޅުން ހުރި ތަންތަން ފާސްކޮށްފިއެވެ.
ފުލުހުން ބުނީ، މީގެ ހަ އަހަރު ކުރިން ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވާފައިވާ ކަމަށެވެ.
އެ ހަތަރު މީހުން ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމްގެ އަމަލާއެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އެގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް މިއަދު ބަލާ ފާސްކުރި ކަމަށެވެ. އަދި ތިން މީހުންގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގީ ބޭނުމަށް ހިފެހެއްޓިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުން އެ މައްސަލަ މިހާރު އިތުރަށް ތަހްގީގު ކުރަމުންދާއިރު އެ މައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ފުލުހުންގެ ޚިދުމަތުން އަންނަނީ ފޯރުކޮށްދެމުންނެވެ.