ހޭލާ ޖަމިއްޔާ އިފްތިތާހް ކޮށްފި

ހޭލާ އިފްތިތާހް ކުރުމަށްރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ--

ރާއްޖޭގައި ހިނގަމުންދާ ޑިމޮކްރަސީ އޮނިގަނޑުގެ އެކި ގުނަވަންތަކުގައި އުޅޭ މައްސަލަތަކުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވެ، ހައްލުނުވެ، ގިނަދުވަސްތަކެއް ވަމުންދާ ކަމަށް ބުނެ ހޭލާގެ ނަމުގައި ޖަމިއްޔާ އެއް އިފްތިތާހް ކޮށްފިއެވެ.

ހޭލާ އިފްތިތާހް ކުރުމަށް މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އެ ޖަމިއްޔާއިން ބުނެފައިވަނީ، ހޭލާއަކީ ނޭއްގާނީ ކަންކަމާއި ކޮރަޕްޝަނުން އެއްކިބާވެފައިވާ، ހަމަހަމަކަމާއި އިންސާފު ގާއިމުވެފައިވާ އަދި އަހުލާގީ ރިވެތި ސިފަތައް އަށަގަނެފައިވާ މުޖުތަމަޢެއް ހާމަކަން ބޮޑުކަމާއި ޖަވާބުދާރީކުރުވުމާއި ޒިއްމާދާރުކުރުމާއި ރައްޔިތުން ޝާމިލުވުމުގެ ތެރެއިން ބާރުވެރިކުރުމަށް އުފެދުނު ހަރަކާތެއް ކަމަށެވެ.

"ހޭލާގެ މަގުސަދަކީ، ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާހުތަކަށް ވަކާލާތުކުރުމާއި، ރައްޔިތުންގެ ބައިވެރިވުން ކުރިއެރުވުމާއި، ސިޔާސީ މައިދާނުގައި ކޮރަޕްޝަން ނައްތާލުމާއި، ކޮރަޕްޝަނާ ދެކޮޅަށް މުއައްސަސާތަކާއި ފަރުދުންގެ ގާބިލުކަން ބިނާކުރުން،" ހޭލާގެ ސްޕޯކްސްޕާސަން މުހައްމަދު މުޝްރިފް ވިދާޅުވިއެވެ.

ހޭލާ އިފްތިތާހް ކުރުމަށްރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ--

ހަތަރު ސަރޭކަ ނުވަދިހަ ފަސް މެމްބަރުން ހިމެނޭ ހޭލާ ޖަމިއްޔާ އިފްތިތާހް ކޮށްފައިވަނީ 450 މެމްބަރުންނާއެކު އާޓިފިޝަލް ބީޗްގައެވެ. މި އިވެންޓުގައި ހޭލާގެ ލަވަ، ޝިޔާރު "ވަތަންގެ ރޫހް"، ލޯގޯ، ޖަމިއްޔާގެ ކުލަ ފަދަ ކަންކަން އިފްތިތާހްކުރެވިގެން ދިޔައެވެ. އަދި މީގެ އިތުރުން ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތަފްސީލްތައް އާއްމުކޮށްފައިވެވެ.

ހޭލާގެ ސްޕޯކްސް ޕާސަން މުހައްމަދު މުޝްރިފް ވިދާޅުވިގޮތުގައި، މިޖަމިއްޔާއާއި ގުޅުމުގެ ފުރުސަތު ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު