ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫނަކީ އަމިއްލަ މަންފާއަށް ޓަކައި ގައުމު ވިއްކައިލައްވާނެ ބޭފުޅެއް ނޫންކަމަށް އެ މަނިކުފާނުގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެއެވެ.
ފާރިސްއަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ރައީސް މައުމޫން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، ކުރިމަތިލައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެ މަނިކުފާނު އިހްތިރާމް ކުރައްވާކަމަށެވެ.
އެއީ ގައުމަށް ވަފާތެރި ބޭފުޅުން ކަމުގައި ގަބޫލުފުޅުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެހެންނަމަވެސް އިންތިޚާބުގައި ވޯޓު ލެވޭނީ އެންމެ ބޭފުޅަކަށްކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ފާރިސްއަށް ތާއީދުކުރައްވަން ނިންމެވީ އެއީ އެ މަނިކުފާނުގެ 'އުފަން ދަރިއަކަށްވީތީ' ނޫން ކަމަށެވެ.
ފާރިސްއަށް ތާއީދުކުރައްވަން ނިންމެވީ، ފާރިސް، އެ މަނިކުފާނުގެ އުސޫލުތައް ގަބޫލުކުރައްވާތީ ކަމަށް ވިދާޅުވިއެވެ.
"ފާރިސް މައުމޫނަކީ އަމިއްލަ ފައިދާއަށް ޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން. އޭނާއަކީ ދޮގު ހަދައި މަކަރު ހަދައި އޮޅުވައިލާނެ މީހެއް ނޫން. އޭނާވާނީ އަބަދު ވެސް ހަމަ ތެދުވެރިއަކަށް، އިޚްލާސްތެރިއަކަށް،" ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ފާރިސްއަށް ތާއީދުކުރައްވަނީ މީގެ ކުރިން އެ މަނިކުފާނު ކުރެއްވި ސިޔާސީ މަސައްކަތްޕުޅުތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވީ ފާރިސްކަމަށް ވާތީކަމަށެވެ. އަދި އެއީ ރައީސެއްގެ މަގާމު އަދާކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއްކަމަށް ގަބޫލުފުޅުކުރައްވާތީކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރާއިރު ފާރިސްއަކީ ކެންޑިޑޭޓު ނަމްބަރު ހައެކެވެ. ފާރިސްގެ ރަނިން މޭޓަކީ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.
އިންތިޚާބަށް ބާކީ 30 ދުވަހަށްވުރެ ކުރު މުއްދަތަކަށްވެފައިވާއިރު އަދި ފާރިސްގެ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށިފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބުގައިި ވާދަކުރާ ހުރިހާ ޕާޓީއެއްގެ ތެރެއިން ކޯލިޝަނެއްގައި ވާދަކުރަނީ ހަަމައެކަނި އެމްޑީޕީއެވެ. އެގޮތުން އެމްޑީޕީއާއެކު އެމްޑީއޭއާއި އަދާލަތު ޕާޓީ އަންނަނީ މަސައްކަތް ކުރަމުންނެވެ.