ދުނިޔޭގައި ހިމާޔަތް ކުރެވިފައިވާ ވެލާ ކަނހަބުގެ ބާވަތްތައް ދައްކާލުމަށް، ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ތިމާވެށީގެ ފެސްޓިވަލް ކަމަށްވާ، ޓާޓަލް ފެސްޓްގެ އެންމެ ފުރަތަމަ ހަރަކާތް މިއަދު ފަށައިފިއެވެ.
ޅ. ނައިފަރުގައި ކުރިއަށް ގެންދާ "ފަސްޓް އެޓޯލް މެރިން ސިމްޕޯސިއަމް" ބާއްވަނީ، އެ ރަށު ވިލާ ކޮލެޖް ކެމްޕަހުގައެވެ.
ނައިފަރު ޖުވެނައިލްގެ ފަރާތުން އިންތިޒާމްކުރާ މި ސިމްޕޯސިއަމްއަކީ އެއް ދުވަހަށް ކުރިއަށްގެންދާ ސިމްޕޯސިއަމްއެކެވެ. މިއަދު މެންދުރުފަހު 14:00 ގައި ފެށި މި ސިމްޕޯސިއަމް މިރޭ 22:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ސިމްޕޯސިއަމްއާ ބެހޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން ނައިފަރު ޖުވެނައިލްގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދުފުޅު ވިދާޅުވީ، ޓާޓަލް ފެސްޓްގެ އެންމެ ފުރަތަމަ ހަރަކާތް ކަމަށްވާ އެޓޯލް މެރިން ސިމްޕޯސިއަމް މިއަދު ފެށުނު އިރު އެއީ އެ ފެސްޓިވަލްގައި މުޅިން އަލަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
މުހައްމަދު ވިދާޅުވީ، އެ ސިމްޕޯސިއަމްގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެށީގެ ދާއިރާއިން ވާހަކަދައްކައި އެކަކު އަނެކެއްގެ ޚިޔާލު ބަދަލުކުރުން ކަމަށެވެ. އަދި މުޖުތަމައު ތެރޭ ހުރި ތިމާވެށީގެ ތަފާތު މައްސަލަތަކާ ގުޅޭގޮތުން ބަހުސްކޮށް ވާހަކަދެއްކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 13 ފަރާތަކުން ބައިވެރިވާ ސިމްޕޯސިއަމްގައި ސަރުކާރުގެ އިދާރާތަކާއި އެންޖީއޯތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ތިމާވެށީގެ ތަޖުރިބާކާރުން ހިމެނެއެވެ.
މި ސިމްޕޯސިއަމްގައި އެންމެ ފުރަތަމަ ކުރިއަށް ދާނީ ޕްރެޒެންޓޭޝަން ހުށަހެޅުމެވެ. އެއަށްފަހު ޚާއްސަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާނެއެވެ.
މުހައްމަދު ވިދާޅުވީ، ޕްރެޒެންޓޭޝަންތައް ހުށަހަޅުއްވާ ބޭފުޅުން ވަރަށް މުހިންމު މައުލޫމާތުތަކެއް އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ހިއްސާ ކުރާނެ ކަމަށެވެ. އަދި ޕްރެޒެންޓޭޝަންތަކަށް ފަހު ބާއްވާ ޕެނަލް ޑިސްކަޝަންގައި ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު މައްސަލަތަކާއި، ކުނީގެ މައްސަލަތަކުގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި އެ ކަންކަމަށް ގެނެވޭނެ ހައްލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސިމްޕޯސިއަމްގެ ސެޝަންތައް އަޑު އެހުމަށް ކޮންމެ ފަރާތަކަށް ވެސް އައިސް ބައިވެރިވެވޭނެ. އަދި ބަލާލަން ބޭނުން ފަރާތްތަކަށް އަޅުގަނޑުމެންގެ މީޑިއާ ޕާޓްނަރުން މެދުވެރިކޮށް މި ސިމްޕޯސިއަމް ބަލާލެވޭނެ." މުހައްމަދު ވިދާޅުވިއެވެ.