އާލިއާ ބޭނުންވަނީ ރާނީގެ ހެދުންތައް ވިއްކާލަން

ބަތަލާ އާލިއާ ބަޓްގެ ފިލްމު "ރޮކީ އޯރް ރާނީ"ގައި އާލިއާ ކުޅުނު ރާނީގެ ރޯލްގައި ބޭނުންކޮށްފައިވާ ހެދުންތައް ވިއްކާލުމަށް ނިންމައިފިއެވެ.

އާލިއާ ބަޓް ވިއްކާލަން ނިންމާފައިވަނީ ފިލްމުގެ ޕްރޮމޯޝަން އިވެންޓުތަކުގައި ބަތަލާ ބޭނުންކުރި ސާރީ ހެދުންތަކެވެ. އާއްމުންނަށް ގަނެވޭނެ ގޮތަށް އާލިއާގެ ހެދުންތައް ވިއްކާލަން ނިންމާފައިވަނީ ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތްރާއާ ގުޅިގެން މަނިޝްގެ ވެބްސައިޓް މެދުވެރިކޮށެވެ.

އާލިއާގެ އަމިއްލަ ކްލޯސެޓް 'މިސޫ' ކަލެކްޝަން މަނިޝް މަލްހޯތްރާގެ އަމިއްލަ ވެބް ސައިޓް މެދުވެރިކޮށް މިއަދު ލޯންޗުކުރުމަށް ނިންމާފައިވާއިރު މި ހެދުންތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަން ނިންމާފައިވަނީ ސްނެހާ އޯގަނައިޒޭޝަންގެ ނަމުގައި ހިންގާ އަމިއްލަ ޖަމްޢިއްޔާއަކަށެވެ.

މި ޖަމްޢިއްޔާއަކީ، ފައިސާގެ ދަތިކަމާހުރެ ސިއްހީ ފަރުވާ ހޯދުމުގައި ހުރަސްތައް ކުރިމަތިވެފައިވާ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޗެރިޓީ ޖަމްޢިއްޔާއެކެވެ. 'މިސޫ'ގެ ނަމުގައި އާލިއާ ކުރިޔަށްގެންދާ އަމިއްލަ ވޯޑްރޮބް އާއްމުންނާ ހިއްސާކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ފިލްމު "ރޮކީ އޯރް ރާނީ"ގެ ޕްރޮމޯޝަން އިވެންޓުތަކުގައި ބޭނުންކުރި ހުރިހާ ހެދުންތަކަށްވެސް އާއްމުންގެ ގިނަ ބައެއްގެ ލޯބި ލިބެމުންދިއުމާއެކު މަނިޝްއާ ގުޅިގެން އެ ހެދުންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރެވެމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށް އާލިއާ ވަނީ ބުނެފައެވެ.

ފިލްމު "ރޮކީ އޯރް ރާނީ"އަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު މިއަދު ނެޓްފްލިކްސްގައި ޕްރިމިއާކުރަން ފަށާނެއެވެ. އަލަތު ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގައި އާލިއާ ވަރަށް ތަފާތު ރޯލަކުން ފެންނައިރު ބަތަލާ ވަނީ ޔަޝް ރާޖް ކުންފުނީގެ ސްޕައި ފިލްމަކަށް ވެސް ސޮއިކޮށްފައެވެ.

comment ކޮމެންޓް