އަޖޭއާއެކު ދިޕިކާ 'ސިންގްހަމް އަގެއިން'ގައި ފެންނާނީ ދެބެއިންގެ ގޮތުގައި

އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމުކަމަށްވާ "ސިންގްހަމް"ގެ ތިންވަނަ ބައިން ދިޕިކާ ޕަޑުކޯން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ވަރުގަދަ އެކްޝަން ފިލްމު "ސިންގްހަމް އަގެއިން"ގައި ބަތަލާ ދިޕިކާ ފެންނާނީ އަޖޭގެ ދައްތަގެ ރޯލްއިންނެވެ. އަޖޭ ފިލްމުގެ ލީޑް ރޯލްއިން ފެންނައިރު މިފަހަރުގެ ފިލްމުގައިވެސް ބަތަލާގެ ރޯލްއިން ފެންނާނީ ކަރީނާ ކަޕޫރު ޚާންއެވެ. މީގެ އިތުރުން ރަންވީރު ސިންގް އަދި އަކްޝޭ ކުމާރުވެސް ފިލްމުގެ ވަރަށް މުހިއްމު ރޯލްއިން ފެންނާނެކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމައިން ވަނީ ބުނެފައެވެ.

ދިޕިކާ ފެންނާނީ އަޖޭ ކުޅޭ ސިންގްހަމް ރޯލްގެ ލޭޑީ ސިންގަހަމްގެގޮތުގައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ކުރީގެ ޚަބަރުތަކުން ދިޕިކާ ފިލްމުގައި ފެންނާނީ ހާއްސަ ފެނިލުމެއްގެގޮތުގައި ބުނެފައިވީނަމަވެސް ބަތަލާގެ ރޯލް އެއަށްވުރެ ފުޅާކޮށް ގެނެސްދޭނެކަމަށް ރޯހިތު ޝެޓީ ޔުނިވާސްއިން ވަނީ ބުނެފައެވެ.

ދިޕިކާގެ ބަދަލުގައި ފިލްމުގައި އެކްޓަރު ޓައިގާ ޝްރޮފްގެ ހާއްސަ ފެނިލުމެއް ބެލުންތެރިންނަށް ފެންނާނެކަމަށް ފިލްމު ގެނެސްދޭ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިއީ ޓައިގާ ޝްރޮފް ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްއާ ގުޅޭނެކަމުގެ އިޝާރާތެއްކަމަށާއި ކައިރި މުސްތަގުބަލެއްގައި ޓައިގާ ހިމަނައިގެން ސޯލޯ ކޮޕް ފިލްމެއް އުފައްދަން ރޯހިތު ނިންމާފައިވާކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަޖޭ ދޭވްގަންގެ ވަރުގަދަ އެކްޝަން ސީންތަކާއެކު ބެލުންތެރިން ހެއްވާލާނެ އެތަކެއް ހާދިސާއެއް ހިމެނޭ "ސިންގްހަމް އަގެއިން"ގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހުތެރޭ ފެށުމަށް ވަނީ ނިންމާފައެވެ. ރޯހިތުގެ ކެރިއަރުގެ އެންމެ މަގުބޫލު މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް އަހަރުގެ އޮގަސްޓް މަހުތެރޭއެވެ.

comment ކޮމެންޓް