އާރްޔަންގެ ވެބް ސީރީސްއިން ކަރަންއާއި ރަންވީރު ފެންނާނެ

ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ފުރަތަމަ ވެބް ސީރީސް "ސްޓާޑަމް"އިން ޑައިރެކްޓަރު ކަރަން ޖޯހަރުއާއި އެކްޓަރު ރަންވީރު ސިންގްގެ ޚާއްސަ ފެނިލުންތަކެއް ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އެންމެ ފަހުން ރިލީޒްވި ފިލްމު "ރޮކީ އޯރް ރާނީ" ބޮކްސް އޮފީހުގައި ހޯދަމުން އަންނަ ކާމިޔާބީއާއެކު އުފަލުންހުރި ރަންވީރުއާއެކު އެކްޓަރު ރަންބީރު ކަޕޫރުވެސް މި ސީރީސްއިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތަކާ ހަވާލާދީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަސްދަރުތަކުން ބުނެފައިވަނީ ކަރަންއާއި ރަންވީރުއަށް ކަނޑައެޅިފައިވާ ރޯލްތަކުގެ ޝޫޓިންގް މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ނިންމާފައެވެ. ކަރަންއާއި ރަންވީރު ސިންގް ފެންނާނީ "ސްޓާޑަމް" ސީރީސްއިން ދައްކުވައިދޭ ގްރޭންޑް ޕާޓީއެއްގެ ތެރެއިންނެވެ. އާރްޔަން ޚާން ހިންދީ ސިނަމާއަށް ޑައިރެކްޓަރެއްގެގޮތުގައި ތަޢާރަފްވާ ފުރަތަމަ ވެބް ސީރީސްގެ މަސައްކަތް ފެށިފައިވަނީ މިއަހަރުގެ ޖޫން މަހުތެރޭގައެވެ.

މި ވެބް ސީރީސްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރ މަހުތެރޭ ނިންމާލުމަށް ރޭވިފައިވާއިރު ބެލުންތެރިންނާ ހަމައަށް މި ސީރީސް ގެނެސްދޭނެ އިރެއް އަދި އިއުލާނުނުކުރެއެވެ.

އާރްޔަންގެ "ސްޓާޑަމް"އަކީ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓުން އުފައްދާ ވެބް ސީރީސްއެކެވެ. އާރްޔަންގެ ފިލްމީ ކެރިއަރާމެދު އާއްމުންގެ ގިނަބަޔަކު ސުވާލު އުފެދުމުން ޝާހު ތަންކޮޅެއް ކުރިން ބުނެފައިވަނީ އާރްޔަންގެ ސީރީސްއެއް އެމޭޒަން ޕްރައިމްއިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންނަމަވެސް "ސްޓާޑަމް" ޕްރިމިއާކުރާނީ ކޮން ޕްލެޓްފޯމްއެއްގައިކަން އަދި ކަށަވަރެއް ނުވެއެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ އާރްޔަންގެ އަލަތު ވެބް ސީރީސްގެ ރައިޓްސް އިންޑިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމަކުން ބޮޑު އަގުގައި ގަންނަން ހުށަހެޅިނަމަވެސް އެއީ ކޮން ޕްލެޓްފޯމެއްކަމެއް އަދި ނޭނގެއެވެ. އާރްޔަންގެ މި ވެބް ސީރީސްއަކީ، ފިލްމު އިންޑަސްޓްރީގައި އާއްމުކޮށް ހިނގާ އެ އިންޑަސްޓްރީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީސްއެކެވެ.

އާރިޔަން ފިލްމު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެފައިވާއިރު ދާދިފަހުން ވަނީ ބައްޕަ ޝާހު ހިމަނައިގެ އަމިއްލަ ބްރޭންޑް ޑިޔަވޮލް ކިޔާ އަންނައުނު ބްރޭންޑްގެ އިޝްތިހާރެއް ވެސް ޑައިރެކްޓްކޮށްފައެވެ.

comment ކޮމެންޓް