ނޯރޯ ވައިރަސް ކޮންޓްރޯލް ވެއްޖެ، ނަމަވެސް އަދިވެސް ސަމާލުވުން މުހިންމު

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ 27 ވަނަ ދުވަހު މުޅި މާލޭގައި ފެތުރުނު ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ކޮންޓްރޯލް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެއީ ނޯރޯ ވައިރަސްގެ ސަބަބުން ފެތުރޭ ރޯގާއެއް ކަމަށް މީގެ ކުރިން ބުނެފައެވެ. އަދި އެއީ ވަރަށް އަވަހަށް ފެތުރޭ ރޯގާއެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރޯގާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވީ، ނޯރޯ ވައިރަސް މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް 15 ވަރަކަށް މީހުން ދުވާލަކު ދައްކަނީ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ކުރިއާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށެވެ. މިވަގުތު ނޯރޯ ވައިރަސް ޖެހިގެން ތިން ކުދިންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިން ފެތުރުނުހެން މި ރޯގާ ފެތުރިދާނެ ކަމަށް ދެން ނުބެލެވޭ ކަމަށެވެ. ނަމަވެސް ރައްކާތެރި ވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޯރޯ ވައިރަސްއާ ގުޅިގެން އެޑީކޭގެ ޖެނަރަލް މެނޭޖަރު އަހްމަދު އައްފާލް ވިދާޅުވީ، އެ ހޮސްޕިޓަލަށް ވެސް ނޯރޯ ވައިރަސްގައި ދައްކާ މީހުންގެ އަދަދު ވަރަށް މަދުވެފައި ވާކަމަށެވެ.

މި ބަލީގައި މިދިޔަ މަހު ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލްތަކަށް ގޮސް ހޮސްޕިޓަލްތައް ތޮއްޖެހި، އެލާޓަށް އައެވެ.

ނޯރޯ ވައިރަހުގެ އަލާމާތްތައް:

  • ހޮޑުލުން
  • ބޭރަށް ހިންގުން
  • ބަނޑުގައި ރިއްސުން
  • މޭނުބައި ކުރުން

މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތް ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ކާއެއްޗެހި ތައްޔާރު ކުރުމުގައި ބައިވެރި ނުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

comment ކޮމެންޓް