ޑޮންގެ ގޮތުގައި ތަޢާރަފްކުރީ ރަންވީރު ސިންގް، ޓީޒާ މިއޮތީ

އެކްޓްކުރުމުގެ އިތުރުން ކާމިޔާބު ފިލްމުތައް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ފަރުހާން އަޚްތަރުގެ ފިލްމު "ޑޮން3" އިޢުލާނުކޮށްފިއެވެ.

މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމުން ވެސް އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލްއިން ފެނުނުއިރު މިފަހަރު ޑޮންގެ ގޮތުގައި ތަޢާރަފްކޮށްފައި ވަނީ ރަންވީރު ސިންގްއެވެ.

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ލިސްޓުގެ ކުރިން ޖާގަހޯދާފައިވާ ރަންވީރު ސިންގް ޑޮންގެ ގޮތުގައި ތަޢާރަފްކޮށްފައިވާއިރު "ޑޮން3"ގެ ހާއްސަ ޓީޒާއެއް ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ މި ފިލްމަކީ، އެކްސެލް އެންޓަޓެއިންމެންޓްއިން ގެނެސްދޭ ފިލްމެކެވެ.

މި ފަހަރުގެ ފިލްމުގައި ޝާހްރުކް ޚާން ނުހިމެނޭތީ ސަޕޯޓަރުން މާޔޫސްވިނަމަވެސް ރަންވީރަށް ތާޢީދުކުރާ ފަރާތްތަކުން ބުނެފައިވަނީ ރަންވީރަށް ޑޮންއަކަށް ވުމުގެ ފުރުސަތު ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

ފިލްމު "ޑޮން"އަކީ ލެޖެންޑް އެކްޓަރު އަމީތާބް ބައްޗަންގެ ކެރިއަރުގެ އެންމެ ކާމިޔާބު އަދި މަގުބޫލު ފިލްމުވެސްމެއެވެ. ޝާހްރުކް ޚާން 2006ވަނަ އަހަރު "ޑޮން"އަށް ސޮއިކުރުމުންވެސް އަމީތާބްގެ ލެގަސީ ދެމެހެއްޓޭނެކަމާމެދު ގިނަބަޔަކު ސުވާލުއުފެއްދިއެވެ. ނަމަވެސް ޝާހް ކުޅުނު ދެ ފިލްމުވެސް ވެފައިވަނީ ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމަށެވެ.

ފިލްމުގެ ޓީޒާ ހަމަގައިމުވެސް ވަރަށް ޝައުގުވެރިކަމަށާއި ރަންވީރުގެ މިފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ރަންވީރާއެކު ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ ކޮން ފަރާތެއްކަން އަދި ކަށަވަރެއް ނުވެއެވެ. މި ފްރެންޗައިޒްގެ ކުރީގެ ދެ ބައިންވެސް ބަތަލާގެ ރޯލްއިން ފެނިފައިވަނީ ޕްރިޔަންކާ ޗޯޕްރާއެވެ.

comment ކޮމެންޓް