ރޭގަނޑު ނުވައެއްގެ ފަހުން އަކްޝޭއާ ބައްދަލެއް ނުވާނެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރަށް ލިބޭ ދަޢުވަތުތަކުގެތެރެއިން ރޭގަނޑު 9:00އެއްގެ ފަހުން ދާންޖެހޭ ތަނެއްނަމަ އެ ދަޢުވަތު ގަބޫލު ނުކުރާކަމަށް އެކްޓަރު ބުނެފިއެވެ.

އަކްޝޭއަކީ ދުޅަހެޔޮ ސިއްހަތެއްގެއި ދެމިހުރުމަށް ވަރަށް ގިނަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭ އެކްޓަރެކެވެ. އަކްޝޭގެ ގާތް ރަޙްމަތްތެރިންނަށާއި އެކީގައި މަސައްކަތްކުރާ ކޯ-އެކްޓަރުންނަށްވެސް އަކްޝޭގެ ލައިފްސްޓައިލް ދަސްވެފައިވާތީ އާއްމުކޮށް ތަނަކަށް ގަޑި ކިޔާނީވެސް 9:00ގެ ކުރިންކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފެށުނީއްސުރެވެސް އަކްޝޭއަކީ ނުވައަކާއި ނުވަގަޑި ތިރިހާ ދެމެދު ނިދަން އާދަވެފައިވާ މީހެއް ކަމަށާއި ޢުމުރުން 55 އަހަރުވީއިރު އިރު އަރާ މަންޒަރު ނުފެންނަ ދުވަހެއް އަދި ނެތްކަމަށް ފަޚުރުވެރިކަމާއެކު ބުނެލެވޭނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އިންސާނުން ދުނިޔެއަށް އައިސްފައިވާގޮތާމެދު ވިސްނާލިނަމަވެސް ދުވާލުގެ ވަގުތުތަކަކީ ހޭލާ ބުރަ މަސައްކަތް ކުރަންޖެހޭ ވަގުތުކަމަށާއި އިރު އޮއްސި އަނދިރިވުމާއެކު ދެން އަވަސް ވާންވީ އަނެއް ދުވަހަށް ތައްޔާރުވުމަށް އަރާމު ނިދި ހަށިގަނޑަށް ހޯދަންކަން އަމިއްލައަށް ވިސްނެންވާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މިހާތަނަށް ފިލްމު އިންޑަސްޓްރީގައި ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވާއިރުވެސް ރޭގަނޑުގެ ލަސް ވަގުތުތަކުގައި ޕާޓީތަކަށް ދިއުމާއި ޝޫޓްކުރުމަކީ އަކްޝޭއަށް އެއްގޮތަކަށްވެސް ކަމުދާ ލައިފްސްޓައިލްއެއް ނޫނެވެ. ފަހުގެ ޖީލުތަކުގެ ޒުވާނުން ހޭލާ ރޭގަނޑުގެ ގިނަ ވަގުތު ތިބުމަކީ ފެޝަނަކަށްވެފައިވާކަމަށް ބުނަމުން އެކްޓަރު ބުނީ އެއީ ސިއްހަތަށް ވަރަށް ގެއްލުންހުރި ކަމެއްކަން މިއަދުގެ ޖީލުތަކަށް ނުވިސްނޭ ކަމަށެވެ.

ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ހެދުމަށް އާދަވެގެން ގަޑިއަށް ނިދުމާއި ރޭގަނޑުގެ ކެއުން އިރުއޮއްސި ހައެއްގެ ފަހުން ކެއުމާއި ދުރުވުމަށް ސަމާލުކަން ދެވިއްޖެނަމަ އެއީ ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ހަމައެއާއެކު 24ގަޑިއިރުތެރެއިން ކަސްތަރުކުރުމަށް އެންމެ މަދުވެގެން އެއްގަޑިއިރު ހޭދަކުރުން ވަރަށް މުހިއްމު ކަމަށެވެ.

އަކްޝޭ ކުމާރުގެ ދިރިއުޅުމުގެ ލައިފްސްޓައިލް ހުންނަގޮތުން ބައެއްފަހަރު އެކީގައި މަސައްކަތްކުރާ އެހެން އެކްޓަރުންނަށް ލަނޑުލިބޭ ފަހަރު ވެސް އާދެއެވެ. އެގޮތުން އަކްޝޭއާއެކު ފިލްމު "ހައުސްފުލް"ގައި މަސައްކަތްކުރި ރިތޭޝް ދޭޝްމުކް އަދި އަބިޝޭކް ބައްޗަން ބުނެފައިވަނީ ފަތިހު ފަތިހާ ހޭލައިގެން ފިލްމު ސެޓަށް އައުން އެ މީހުންނަށްވީ ވަރަށް އުނދަގޫ ކަމަކަށް ކަމަށެވެ. އަކްޝޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 11ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "އޯމައިގޯޑް2"އިންނެވެ.

comment ކޮމެންޓް