ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް ނިންމައިފި

އުކުޅަހު ސްކޫލް -- ފޮޓޯ: ޕީއެސްއެމް

އއ. އުކުޅަހު ސްކޫލުގައި ބާއްވާ ކޮންސެޓުގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ޕްރީ ސްކޫލް ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތިން ޓީޗަރަކު ސަސްޕެންޑްކުރީ އެ މައްސަލަ ތަހުގީގުކޮށް ނިމެންދެންނެވެ. އެހެން ނަމަވެސް، ފަހުން އެ ތިން ޓީޗަރުންގެ ސަސްޕެންޝަން ވެސް ފަހުން ވަނީ އުވައިލައިފައެވެ.

ސަސްޕެންޝަން އުވައިލުމަށްފަހު، އޭގެ ތެރެއިން އެއް ޓީޗަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ވަޒީފާއިން ވަކިކުރި ޓީޗަރު، އައިޝަތު ޝުހައިލާ ވަނީ ޓްރައިބިއުނަލްއަށް މައްސަލަ ހުށަޅައިފައެވެ.

ޝުހައިލާ ހުށަހެޅި މައްސަލައިގައި ބުނީ އޭނާ ވަޒީފާގައި ހުއްޓާ، ގައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދަރިވަރުންނަށް ރާވައި، ހިންގާ ބައެއް ހަރަކާތްތަކަށް ފާޅުގައި ދެކޮޅުހަދާ ސްކޫލުން އަންގާ އެންގުންތަކަށް ދެކޮޅު ހަދާ ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ވަޒީފާއަށް ނުކުުތުން މަނާކޮށްފައިވާ ކަމަށެވެ.

އެ މުއްދަތު ހަމަވުމުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވަޒީފާއަށް ނުކުތުމަށް އެންގި ކަމަށާއި އެ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އެހެންވެ، ޝުހައިލާ ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި އޭނާ ވަޒީފާއިން ވަކިކުރުުމަށް ނިންމައިފައިވަނީ ތަފާތުނުކުރުމުގެ އަސާސީ ހައްގު ގެއްލޭ ގޮތަށް ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލައިގައި ވެއެވެ. އަދި އޭނާގެ ވަޒީފާ އަލުން ރުޖޫއަށްކޮށްދިނުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާއަށް ރުޖޫއަ ކުރެވޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް މައްސަލައިގައި ވެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ ޝުހައިލާ ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ އޭނާގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަޚްލާގީ މިންގަނޑު ރަނގަޅުކުރުމަށް އިސްލާހީ ފިޔަވަޅުއަޅަން ޖެހޭކަމަށް ވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް، ޝުހައިލާއާ މެދު އެފަދަ އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާތީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ މައުޟޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.

އެހެންވެ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ޝުހައިލާ ވަޒީފާއިން ވަކުކުރި ތާރީހުން ފެށިގެން އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީހުގެ ނިޔަލަށް އޭނާ ވަޒީފާގައި ދެމިހުރިނަމަ ހައްގުވާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

އެ ފައިސާ 21 ދުވަހުގެ ތެރޭގައި ޝުހައިލާއަށް ދިނުމަށްފަހު އެ ކަން ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށް ވެސް މި މަހުގެ ތިންވަނަ ދުވަހު ނިންމި އެ ނިންމުމުގައި ބުނެފައިވެއެވެ.

comment ކޮމެންޓް