ކަރަން ޖޯހަރުގެ ވަރުގަދަ އެކްޝަން ފިލްމެއް ސަލްމާން ޚާންއަށް

ކަރަން ޖޯހަރުއާއި ސަލްމާން ޚާން --

ކަރަން ޖޯހަރުއާއި ސަލްމާން ޚާން 25 އަހަރު ފަހުން ފިލްމެއްގައި މަސައްކަތްކުރުމަށް ނިންމައިފިއެވެ.

މި ފިލްމަކީ، ދަރުމާ ކުންފުނިން 2021ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ޝޭރްޝާހް"ގެ ޑައިރެކްޓަރު ވިޝްނޫ ވަރުދަން ޑައިރެކްޓްކުރާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ.

މިއަހަރުގެ ނޮވެމްބަރު މަހުތެރޭ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު މިއީ 1998ވަނަ އަހަރު ރިލީޒްވި ކަރަންގެ ތިނެސްކަން ލޯބީގެ ފިލްމު "ކުޗް ކުޗް ހޯތާ ހޭ"އަށް ދެ މީހުން އެކީގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

މީގެކުރިން ދަރުމާއިން ގެނެސްދީފައިނުވާ ފެންވަރުގެ އެކްޝަން ފިލްމަކަށް މިފިލްމުވާނެކަމަށް އެކުންފުނިން ބުނެފައިވާއިރު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް އަހަރުގެ ފަހުކޮޅުއެވެ. ތަމަޅަ ފިލްމުތައް ޑައިރެކްޓްކުރާ ވިޝްނޫ ވަރުދަންގެ މިއީ ދެވަނަ ހިންދީ ފިލްމެވެ.

މިފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތް މިމަހުތެރޭ ފެށުމަށް ދަރުމާއިންވަނީ ނިންމާފައެވެ. ސަލްމާންއާއެކު ފިލްމުގައި ފެންނާނެ އެހެން ތަރިންނާބެހޭ މަޢުލޫމާތާއެކު ވަރަށް އަވަހަށް ފިލްމުގެ ނަންވެސް އިޢުލާނުކުރުމަށް ނިންމާފައިވާކަމަށް ދަރުމާއިންވަނީ ބުނެފައެވެ.

ސަލްމާން ޚާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަހަރުގެ ނޮވެމްބަރު 10ގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ޓައިގާ3"އިންނެވެ. މަނީޝް ޝަރުމާ ޑައިރެކްޓްކުރާ މިފިލްމުގައި ސަލްމާންއާއެކު ބަތަލާގެ ރޯލްއިން ފެންނާނީ ކެޓްރީނާ ކައިފްއެވެ.

މީގެއިތުރުން އިމްރާން ހާޝްމީވެސް "ޓައިގާ3"ގެ މުހިއްމު ރޯލްއިން ފެންނާނެއެވެ. ސަލްމާން ވަނީ ޔާޝް ރާޖް ފިލްމްސްގެ "ޓައިގާ ވާސަސް ޕަތާން" އަދި ސޫރަޖު ބަރްޖަތުޔާގެ ފިލްމު "ޕްރޭމްކީ ޝާދީ"އަށްވެސް ސޮއިކޮށްފައެވެ.

comment ކޮމެންޓް