މިއަހަރުގެ އުރީދޫ މަސްރޭހުގެ މާލޭ މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ފެޒްލީން (ފެޒޫ) ހޮވިއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އޮތް މުބާރާތުން ފެޒޫއަށް އެންމެ މޮޅު އަންހެން މަސްވެރިޔާގެ މަގާމު ލިބުނުއިރު، އޭނާ ހިމެނޭ ބޭންޑު، ޑީޓިއުންގެ ޓީމަށް ވަނީ މުޅި މުބާރާތުގެ ރަނަރަޕްކަން ލިބިފައެވެ. އެޓީމަށް ލިބުނީ 698 ޕޮއިންޓެވެ.
މުޅި މުބާރާތުން އެއްވަނައަށް ދިޔައީ ސޮނީ ފިޝިން ޓީމެވެ. އެ ޓީމުން 860 ޕޮއިންޓު ކާމިޔާބުކުރިއެވެ. ތިންވަނައަށް ދިޔައީ ސްޓެލްކޯ މެންސް ޓީމެވެ. އެޓީމަށް ލިބުނީ 412 ޕޮއިންޓެވެ.

އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމް ސޮނީ ފިޝިން އުފާ ފާޅުކުރަނީ --- ފޮޓޯ/ އުރީދޫ
އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވުނީ "ކްރަންޗީސް"ގެ ނައުޝާދެވެ. އެންމެ ބަރު މަހެއް ބޭނީ ޗެމްޕިއަން ޓީމް، "ސޮނީ ފިޝިން"ގެ ވަލީދުއެވެ. އޭނާ ބޭނި މުޑަހަންޖެއްގައި 17 ކިލޯ ހުއްޓެވެ.
ވަނަވަނައަށް ހޮވުނު ޓީމްތަކަށާއި، ބައިވެރިންނަށް ބޮޑެތި ފައިސާގެ އިނާމުތައް ދީފައިވެއެވެ. އެގޮތުން ދީފައިވާ އިނާމުތަކަކީ؛
- އެއްވަނަ ޓީމް: 25،000 ރުފިޔާ
- ދެވަނަ ޓީމް: 10،000 ރުފިޔާ
- ތިންވަނަ ޓީމް: 5000 ރުފިޔާ
- އެންމެ މޮޅު ކެޔޮޅު (އަންހެން/ ފިރިހެން): 1000 ރުފިޔާ

އުރީދޫ މަސްރޭހުގެ ޓީމްތައް މަސް ކިރަން އުސްފަސްގަނޑަށް އަންނަނީ --- ފޮޓޯ/ އުރީދޫ
މިފަހަރުގެ މާލޭ މުބާރާތުގައި ޖުމްލަ 34 ޓީމަކުން ބައިވެރިވިއެވެ. ހުކުރުދުވަހު، މެންދުރު 2:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން ފުރި ޓީމުތައް، މަސް ކިރުމަށް އައީ އެރޭ ނުވައެއް ޖެހި އިރަށެވެ.
މާލޭގެ އިތުރުން މިފަހަރުގެ މުބާރާތް ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ވެސް ކުރިއަށްދެއެވެ. އެ ސަރަހައްދުތަކުގައި ވެސް މިމަހުގެ ތެރޭގައި މުބާރާތް ބާއްވާނެއެވެ.
ކުޅުދުއްފުށި: އޮގަސްޓް 11
އައްޑޫ: އޮގަސްޓް 18
ފުވައްމުލައް: އޮގަސްޓް 25
މިފަަހަރުގެ މަސްރޭސް ބާއްވަނީ އުރީދޫގެ 18ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ޖުމްލަ 83 ޓީމާއެކު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތެވެ.