އެމްޓީސީސީގެ އާ ޑްރެޖަރާއެކު އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އއ. އުކުޅަހުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކުމާއި 1692 މީޓަރުގެ ސޭނަޑް ބަންޑެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން 1054 މީޓަރުގެ ރިވެޓްމަންޓަކާއި އަދި 80 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 67.21 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ހުސައިން ރިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، އުކުޅަހުން ގޯތި ދޫނުކުރާތާ މިހާރު 20 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެ ކަމަށެވެ. އަދި ބިން ހިއްކުމުގެ ސަބަބުން އެރަށުގައި ވިޔަފާރިތައް އިތުރުވެ، ގެސްޓް ހައުސް ގެ ވިޔަފާރި ފެށި، ފްލެޓް އަޅަން މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ވަޒީފާ ނުލިބިފައި ތިބި އެތަކެއް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ވެސް މިކަމުގެ ސަބަބުން ފަހިވާނެ ކަމަށެވެ.

"މިރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދިއުމުން ރަށުގެ އެންމެހާ ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ތިބީ ވަރަށް އުފަލުން،" ރިޔާޒް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޗާޓާ ކޮށްގެން އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު "ފިލިޕޯ ބްރުނުލޭޝީ" އިންނެވެ. އެ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކީ ހއ. އިހަވަންދޫގެ ބިމެވެ. އެއަށްފަހު ށ. މަތިކޮމަންޑޫގެ ބިން ހިއްކައި ވަނީ ނިންމާލައިފައެވެ.

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިކޭނީ ތިން ދުވަހުން ހެކްޓަރެކެވެ. ނަމަވެސް މި ގެނައި ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިކޭނެއެވެ.

އާ ޑްރެޖަރުން ފުރަތަމަ ނުވަ ރަށެއް ހިއްކާނެއެވެ. ދެން އެ ޑްރެޖަރުން ހިއްކަން ހަމަޖެހިފައިވާ ރަށްތަކަކީ އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ.

comment ކޮމެންޓް