މުނައްވަރު އިންތިޚާބުގައި ވާދަ ނުކުރާން ނިންމަވައިފި

ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު ޑރ. މުނައްވަރު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާނެކަން އިއުލާނުކުރައްވާފައިވާ ޑރ. މުޙައްމަދު މުނައްވަރު، އިންތިޚާބުގައި ވާދަ ނުކުރާން ނިންމަވައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މުނައްވަރު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވަނީ އިންތިޚާބަށް ތައްޔާރުވުމަށް އެހީވެދިން އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް މީހުންގެ ސޮއި ވެސް ހޯއްދަވާފައެވެ. ނަމަވެސް، އިންތިޚާބުގައި ވާދަނުކުރަން ނިންމެވި ސަބަބެއް މުނައްވަރު ހާމަނުކުރައްވައެވެ.

މީގެ ކުރިން ޑރ. މުނައްވަރު ވިދާޅުވީ، އޭނާ އިންތިޚާބަށް ނުކުންނަށް ނިންމީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.

އެޓާނީ ޖެނެރަލްގެ މަގާމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ. މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން މިހާތަނަށް އީސީން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްއެންޕީގެ ކެންޑިޑޭޓު ކާނަލް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެއެވެ.

މީގެ އިތުރުން ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސީމް އިބްރާހީމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އުމަރު ނަސީރު ވަނީ ކެންޑިޑެސީ ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް