ސުޕްރީމް ކޯޓުގެ ތަޅުދަނޑި އެމްއެންޑީއެފަށް ނުހިފެއްޓޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ

19:00


ސުޕްރީމް ކޯޓުގެ ތަޅުދަނދި އެމްއެންޑީއެފަށް ނުހޯދޭނެ ކަމަށާއި އިންތިގާލީ މަރުހަލާ ނިމުނުކަމުގައިވިޔަސް، ޤާނޫނު އަސާސީގައި ބުނާ ސުޕްރީމް ކޯޓު ގައިމްކުރެވެންދެން މިހާރުގެ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.


ސަންއެފްއެމްގެ ބްރޭކިން ނިއުސަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ސައީދު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތަޅުދަނޑި އަތުލުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ. އަދި އެއީ ދުސްތޫރީ ހަޔާތަށް ކުރިމަތިވި ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އަބްދުﷲ ސައީދު ވިދާޅުވި އެވެ.   


އެހެންކަމުން، އެކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލަށް ދަންނަވައިގެން ކަމާބެހޭ ކޯޓަކުން ކޯޓު އަމުރެއް ހޯދުމަށްޓަކައި މަސައްކަތްކުރައްވަމުން އަންނަ ކަމަށް އަބްދުﷲ ސައީދު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު ތަޅުއަޅުވާފައި ވީ ނަމަވެސް، އެ ކޯޓުގެ ފަނޑިޔާރުންނަށް އަމުރު ނެއްރުއްވޭނެ ކަން އަބްދުﷲ ސައީދު ފާހަގަކުރައްވަމުން ވިދާޅުވީ، އެމަނިކުފާނު މާދަމާ ވެސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ.  


ސައީދު ސިފަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓަށް އަރައިގަތް އަރައިގަތުމަކީ، ރާއްޖޭގެ ސިޔާދަތަށް އަރައިގަތުން ފަދަ އަމަލެކެވެ. އަދި ސުޕްރީމް ކޯޓު ދެމި ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ސުޕްރީމް ކޯޓު ގާއިމްކުރެވެންދެން މިހާރުގެ ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށް ވެސް އަބްދުﷲ ސައީދު ވިދާޅުވި އެވެ.  


ސުޕްރީމް ކޯޓުގެ މުވައްޒަފުންނަކީ ފަނޑިޔާރުންނަށް އެހީތެރިވެ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން ތިބި ބައެއް ކަން ފާހަގަކުރައްވާ އަބްދުﷲ ސައީދު ވިދާޅުވީ، އެ މުވައްޒަފުން ކުއްލިއަކަށް ރައީސް އޮފީހަށް ހާޒިރުވުމަށް ނޭންގޭނެ ކަމަށެވެ. އަދި އެގޮތަށް އެ އަމަލު ހިންގެވުމުން ޝަރުއީ ދާއިރާއަށް ވެސް ހުސްކަމެއް އަންނާނެ ކަމަށާއި އެއީ ސީދާ ކުށުގެ އަމަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު