މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި، ބައެއް އުޅަނދުތަކަށާއި، މީހުންނަށް ގެއްލުން ވެއްޖެއެވެ.
ފުލުހުން ވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ އެ ސަރަހައްދުން ދުއްވާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާޅުގަނޑު ސަރަހައްދުގެ އިތުރުން ސިނަމާލެ، ބްރިޖާއި، ހައިވޭއަށް ވެސް އުދަައިގެ ރާޅު އަރަމުން އެބަދެއެވެ. ސޯޝަލް މީޑިއާގައި ބްރިޖަށް އުދައަރާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބްރިޖަށް އުދައިގެ ވަރުގަދަ ރާޅެއް ބިންދާލުމާއެކު، ދަތުރުކުރަމުން ދިޔަ ގިނަ އަދަދެއްގެ ސައިކަލުތަކުގައި ތިބި މީހުން ރާޅާއެކު ކަހާލައިގެން ބިންމައްޗަށް ވެއްޓެއެވެ.
އަދި އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުން ދިޔަ ފުލުހަށް އަނިޔާވާތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެދު ރާއްޖެތެރެއާ ދެކުނުގެ ބައެއް އަތޮޅުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.
އެ އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮޖިސްޓް ހުސައިން ވަހީދު މިއަދު "ސަން" އަށް ވިދާޅުވީ މިއަދުގެ މެންދުރު ފަހު، 03:21 އަކީ މާލޭ ސަރަހައްދަށް އެންމެ ދިޔަ ބޮޑު ވަގުތު ކަމަށެވެ. އަދި 05:30އާ ހަމައަށް ވެސް އުދަ އަރަމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދަކީ ކަނޑުމަޑު އަދި، ވައިމަޑު ދުވަހެއް ކަމަށެވެ. ނަމަވެސް ކަނޑުމަތީގައި ބާނި ވަަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަދު ބާނީގެ އުސްމިން ހުރީ 2 މީޓަރާއި، 2.5 މީޓަރާ ދެމެދުގައެވެ.
"ކުރުކޮށް ދަންނަވަންޏާ، މިއަދު އުދަ އެ އެރީ ބާނި ބޮޑުވުމުގެ ސަބަބުން" އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މާދަމާ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. ދިޔަ ބޮޑުވާން ޖަހާ ވަގުތުން ފެށިގެން އުދައިގެ އަސަރު ކުރަމުންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.