މެޓާގެ އަމިއްލަ މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕްއަށް އާ ސެކިއުރިޓީ ފީޗާއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ވަޓްސްއެޕްގެ އަޕްޑޭޓްތަކާ ބެހޭ މައުލޫމާތު އާންމުކުރާ ޑަބްލިއުއޭބީޓާއިންފޯއިން ބުނެފައިވާ ގޮތުގައި، އަލަށް ގެންނަ ބަދަލާއެކު މި ޕްލެޓްފޯމުން އެކައުންޓް ހިމާޔަތްކޮށް ވެރިފައި ކުރުމަށް، އެކައުންޓް ބޭނުންކުރާ ފަރާތުގެ އީމެއިލް އެޑްރެސް ހޯދުމަށް އެދޭނެއެވެ.
މި ފީޗާ އަކީ އޮޕްޝަނަލް ފީޗާއަކަށް ވާނެ ކަމަށާއި "ޓޫ ސްޓެޕް ވެރިފިކޭޝަން" ހިމަނާއިރު އީމެއިލް އެޑްރެސްއަށް އެދޭ ފީޗާއާ ތަފާތުވާނެ ކަމަށް އެ ޕްލެޓްފޯމުން ބުނެއެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ވަޓްސްއެޕްއިން ހާމަކޮށްފައެއްނުވެއެވެ.
އީމެއިލް އެޑްރެސް ބޭނުންކޮށްގެން އެކައުންޓް ހިމާޔަތް ކުރުމަށް އަލަށް ތައާރަފުކުރާ ސެކިއުރިޓީ ފީޗާ، ކުރިއަށް އޮތް ތަނުގައި އެ އެޕްލިކޭޝަންގެ އަޕްޑޭޓެއްގައި ނެރޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ވަޓްސްއެޕުން މިފީޗާ ތަޢާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެ ޕްލެޓްފޯމުން ބުނެފައިވަނީ ނުދަންނަ ފޯނު ނަންބަރުތަކުން މެސެޖް ލިބޭ އިރު، އެކަމަށް ރައްކާތެރިވުމުގެ ގޮތުން އާ ފިޔަވަޅުތަކެއް ތައާރަފު ކުރަމުން އަންނަ ކަމަށެވެ.
ވަޓްސެއެޕުން ބުނީ އެ ޕްލެޓްފޯމުން އެންޑްރޮއިޑް ބީޓާގައި "ލިންކް ވިތު ފޯން ނަމްބަރު" ފީޗާއެއް ތައާރަފުކުރަމުން އަންނައިރު، ފޯނު ނަންބަރު ބޭނުންކޮށްގެން ވަޓްސްއެޕް ވެބްއަށް އެކައުންޓް ލިންކް ކުރެވޭނެ ކަމަށެވެ.
މި ފީޗާއާއެކު ކިއުއާރް ކޯޑް ސްކޭން ނުކޮށް ވަޓްސްއެޕް ވެބް އަށް އެކައުންޓް ލިންކް ކުރެވޭނެއެވެ.