ޒަމާނީ ކުރުމުގެ ނަމުގައި ވިޔަސް ދެވޭ ތަޢުލީމު އިސްލާމީ ގިއުގަނޑުން ބޭރު ވެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ހެޔޮކަމުގެ އެންމެ މުހިންމު ތަޅުދަނޑިއަކީ، ފައިދާ ހުރި ޢިލްމު ފެތުރުން ކަމަށެވެ. އެގޮތުން ހުރިހާ ހެޔޮ ކަމެއްގެ އަސާސަކީ ޝަރުޢީ ގިއުގަނޑެއްގެ ތެރޭގައި ދެވޭ ރަނގަޅު ތަޢުލީމު ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޙައްޤު ގޮތުގައި މާތްﷲ އަށް ތަޤުވާވެރިވުމަކީ، އެއީ ކުރީގެ މީހުންނާއި ފަހުގެ މީހުންނަށް އެކަލާނގެ ކުރައްވާފައިވާ ވަސިއްޔަތެއްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
"އެއީ އާޚިރަތުގެ ގޮވަތި. އެ ގޮވަތި ތިމަން ރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއް ވިޔަސް ނޭދޭ މީހުންނަށް. އަދި ހެޔޮ ނިމުން ވަނީ ތަޤުވާވެރިންނަށް." ޚުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ ވަނީ މި އުންމަތުގެ މީސްތަކުން ދެ ބަޔަކަށް ބައްސަވާފައެވެ. އެއް ބަޔަކީ ހެޔޮ ކަންކަމަށް ގޮވާލާ އަދި ނުބައި ކަންކަން މަނާކުރާ މީހުންނެވެ. އަނެއް ބަޔަކީ ނުބައި ކަންކަމަށް ގޮވާލާ ހެޔޮ ކަންކަން މަނާ ކުރާ މީހުންނެވެ.
"މީސްތަކުންގެ ތެރޭގައި ހެޔޮ ކަންތަކުގެ ތަޅުދަނޑިތަކަކާއި، ނުބައި ކަންތަކުގެ ތަޅުތަކެއްވޭ. އަދި މީސްތަކުންގެ ތެރޭގައި ނުބައި ކަންތަކުގެ ތަޅުދަނޑިތަކަކާއި، ހެޔޮ ކަންތަކުގެ ތަޅުތަކެއްވޭ. ﷲ އެމީހެއްގެ އަތްމަތީގައި ހެޔޮކަމުގެ ތަޅުދަނޑިތައް ލެއްވި މީހަކަށް ހުރި އުފާވެރިކަމާއި ބާއްޖަވެރި ކަމެއްގެ ބޮޑު ކަމާއޭ. އަދި ﷲ އެމީހެއްގެ އަތްމަތީގައި ނުބައި ކަމުގެ ތަޅުދަނޑިތައް ލެއްވި މީހަކަށް ހުރި ހަލާކެއްގެ ބޮޑު ކަމާއޭ" ޚުތުބާގައި ބުންޏެވެ.
ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށް ވުމަށް ކޮންމެ މުސްލިމަކު ވެސް ބޭނުންވާނެކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ އެފަދަ މީހަކަށްވުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ތިމާގެ އަމަލުތަކާއި، ބަސްތަކުގައި ﷲ އަށް އިޚްލާސްތެރިވުން ހިމެނޭ ކަމަށާއި، ތިމާ ކުރާ ކޮންމެ އަމަލެއް އަދި ބުނާ ކޮންމެ ބަހެއް މާތްﷲ އަށް ޚާލިސްކުރުން ހިމެނެއެވެ.
ޚުތުބާގައި ވަނީ ހެޔޮ ކަންތަކުގެ ތަޅުދަނޑިއަކަށް ވެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން:
- ފަރުޟު ފަސް ނަމާދާއި ދީނުގެ އެހެނިހެން ފަރުޟުތަކާއި ވާޖިބުތައް ބަރާބަރަށް އަދާކުރުން.
- ފާހިޝް އަމަލުތަކާއި ދުރުހެލި ވުން.
- މަތިވެރި އަހުލާގުގެ މީހަކަށް ވުން.
- އެހެން މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދީ، ތެދު މަގު ދައްކައި އުޅޭ މީހަކަށްވުން
ޚުތުބާގައި ބުނީ، މުސްލިމުން ނަމޫނާއަކަށް ވާން ޖެހޭނީ ހެޔޮ ކަންކަމުގައި ކަމަށެވެ. އެގޮތުން މުސްލިމުންގެ ހައިސިއްޔަތުން އަހަރެމެންގެ އާދަކާދަތަކާއި، ބުނާ ބަސްތަކާއި، ސުލޫކާއި، އަހުލާގު، އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް ބައްޓަން ކުރަން، ޚުތުބާގައި ވަނީ ނަސޭހަަތްތެރިވެފައެވެ.