މެޓާ ޕްލެޓްފޯމްސް އިން އޯޑިއޯކްރާފްޓްގެ ނަމުގައި އޯޕަން ސޯސް އޭއައި ޓޫލްއެއް ތައާރަފުކޮށްފިއެވެ.
ފޭސްބުކް އާއި އިންސްޓާގްރާމްގެ އިތުރުން އިތުރު އޮންލައިން ޕްލެޓްފޯމްތައް ކުރިއަށް ގެންދާ މެޓާގެ މި އޭއައި ޓޫލް އަކީ ތިން މޮޑެލް ކަމަށްވާ އޯޑިއޯޖެން، އެންކޮޑެކް އަދި މިއުޒިކްޖެން ހިމެނޭ ގޮތަށް ބަންޑަލްކޮށްފައިވާ ޓޫލްއެއް ކަމަށްވާއިރު، މިއުޒިކާއި ސައުންޑް، ކޮމްޕްރެޝަން އަދި ޖެނެރޭޝަންގެ މަސައްކަތް މިޓޫލްއިން ކުރެވޭނެ ކަމަށް މެޓާއިން ބުނެއެވެ.
މީގެ އިތުރުން މިއުޒިކްޖެން ތަމްރީނު ކުރަނީ ކުންފުނީގެ ހިއްސާ އޮންނަ އަދި ހާއްސަކޮށް ލައިސަންސް ލިބިފައިވާ މިއުޒިކް އެކްސްޕާޓުން ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
މެޓާގެ މި އުފެއްދުން ކިތަންމެ މޮޅުވެފައި ފުރިހަމަވީނަމަވެސް، މެޝިން ލާނިން ސޮފްޓްވެއާ މަސައްކަތް ކުރަނީ ވެބްއިން ލިބެން ހުންނަ ޕެޓާންތައް ދެނެގަނެ، ނަކަލުކޮށްގެން ކަމަށްވާތީ، އެއީ ކޮޕީރައިޓްއާ ޚިލާފު ކަމެއް ކަމަށް ބުނެ، އާޓިސްޓުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މޮޑެލްތަކަކީ ރިސާޗަރުންނާއި ޕްރެކްޓިޝަނަރުންނަށް އެމީހުންގެ އަމިއްލަ ޑޭޓާސެޓްތަކާ އެކު މޮޑެލްތައް ތަމްރީނު ކުރުމުގެ ފުރުސަތު ލިބޭނެ މޮޑެލްތަކެއް ކަމަށާއި، މި މޮޑެލްތަކަކީ ދިގު މުއްދަތަށް ފެންވަރު ރަނގަޅު އޯޑިއޯ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މޮޑެލްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މެޓާގައި އެތަކެތި ވަނީ އިންޓާނަލްކޮށް ތަރައްގީކޮށްފައެވެ.
އޯޑިއޯކްރާފްޓް މޮޑެލްތަކަކީ މުސްތަގުބަލުގައިވެސް މިއުޒީޝަނުންނާއި ސައުންޑް ޑިޒައިނަރުންނަށް ބޭނުންވާނެ ވަސީލަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިހާރު ހުރި މޮޑެލްތައް ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކަށް ބަލައި ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް މެޓާއިން ބުނެއެވެ.
މި އަހަރުގެ ކުރީކޮޅު އަލްފަބެޓުން ވެސް ވަނީ މިއުޒިކްއެލްއެމްގެ ނަމުގައި އަމިއްލަ އެކްސްޕެރިމެންޓަލް އޯޑިއޯ ޖެނެރޭޓިން އޭއައި ޓޫލްއެއް ތައާރަފްކޮށްފައެވެ.