ރާއްޖޭގައި މި ދުވަސްވަރު ހަލުވިކަމާ އެކު ފެތުރެމުންދާ ބޭރަށް ހިންގުމާ ވައިރަލް ހުމުގެ ކޭސްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާތްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހާ ޚިލާފަށް ޖުލައި މަހު ކޭސްތަކުގެ އަދަދު ބޮޑު ތަނުން އިތުރެވެ. އެގޮތުން މިދިޔަ ޖޫން މަހު ހޮޑުލުމާއި ބޭރަށް ހިންގާ ރޯގާގެ 3،328 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖުލައި މަހު އެފަދަ 7،384 ކޭސް ރިޕޯޓުކޮށްފައި ވެއެވެ.
މިދިޔަ އަހަރު މި މުއްދަތައް ބަލާއިރު، ޖޫން މަހު 303 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި ޖުލައި މަހު ރިޕޯޓުކޮށްފައި ވަނީ 361 ކޭހެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި މި ވަގުތު ބަލިމަޑުކަން އިތުރުވެފައިވަނީ ނޯރޯ ވައިރަހުގެ ސަބަބުން ކަމަށެވެ.
ނޯރޯ ވައިރަހަކީ އާންމުކޮށް ކާނާގެ ސަބަބުން ފެތުރޭ ބައްޔެކެވެ. އަދި ނުސާފު ފެނުންނާއި ސާފު ތާހިރުކަން ކުޑަވުމުންނާއި ބަލި ޖެހިފައި ހުރި މީހަކާ ސީދާ ބައްދަލުވުމުން ވެސް މި ވައިރަސް ފެތުރެއެވެ. މިއީ ވަރަށް އަވަހަށް ފެތުރޭ ވައިރަހެކެވެ.
ފާއިތުވި ހަފުތާ ތެރޭގައި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ މީހުން ވަނީ ހޮޑުލެވުމާއި ބޭރަށް ހިންގުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާފައެވެ. ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ބަލިވުމުގެ ސަބަބުން ހޮސްޕިޓަލްތައް އެލާޓަށް އައެވެ.
އެޗްޕީއޭއިން މީގެކުރިން ބުނީ ބޭރަށް ހިންގައި، ބަނޑުގައި ރިއްސުމާއި ހޮޑުލެވުމުގެ ކޭސްތައް އިތުރުވަމުން އައިސްފައިވަނީ ފާއިތުވި ދެ ހަފުތާ ތެރޭގައިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި، މިއީ އެހެން އަހަރުތަކުގައި ވެސް ޗުއްޓީ ދުވަސްވަރު އިތުރުވާ ބައްޔެއް ކަމަށް ވެސް ބުނެފައިވެއެވެ.