ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމައިލައިފި

އަމީނީ މަގުގައި ތާރު އަޅައިފައި --

އަމީނީ މަގުގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދު ކަމަށްވާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ހުންނަ ސަރަހައްދުން ޣިޔާސުއްދީން ސްކޫލާ ހިސާބަށް ތާރު އެޅުމުގެ މަސައްކަތް ނިންމައިލައިފިއެވެ.

އާރުޑީސީއިން ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ތާރު އެޅުމުގެ މަސައްކަތް ރޭ ފަށައި މިއަދު 11ގެ ނިޔަލަށް ވަނީ ނިންމައިލައިފައެވެ. އަދި މަސައްކަތް ކުރަމުންދަނީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން މިހާރު ތާރު އަޅާފައިވާ ބައި އާންމުންނަށް ހުޅުވާލުމަށް ކަމަށް ވެސް އާރުޑީސީއިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މީގެ ކުރިން "ސަން"އަށް ވިދާޅުވެފައިވަނީ މި އަހަރުގެ ޖުލައި މަހަށް މުޅި އަމީނީ މަގުގައި ތާރު އަޅައި ނިމޭނެ ކަމަށެވެ.

އެހެން ނަމަވެސް، އޯގަސްޓު މަސް ފަހަނައަޅައި ދާއިރު ވެސް މި މަސައްކަތް ނިމިފައި ނުވެއެވެ.

comment ކޮމެންޓް