ރަންދާ ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަން އިބޫއަށް

ރާއްޖޭގެ އެންމެ ކާމިޔާބު ރާޅާއެޅުންތެރިޔާ އިބޫ (މ) -- ފޮޓޯ/ ރަމޮން ކަމަލްދީން

ދިވެހި ސާފް ލީގުގެ "ރަންދާ ރާޅުގަނޑު" މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އެންމެ ކާމިޔާބު ރާޅާއެޅުންތެރިޔާ ހުސައިން އަރީފް (އިބޫ) ހޯދައިފިއެވެ.

ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަމާއެކު އިބޫ ވަނީ މިއަހަރުގެ ސާފިން ލީގުގެ ދެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފައެވެ. މީގެ ކުރިން އޭނާ ހޯދާފައިވަނީ ގާމާދޫކޮޅު ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަމެވެ. ކ. ތުލުސްދޫގައި ކުރިއަށްގެންދިޔަ ރަންދާ ރާޅުގަނޑު މުބާރާތުން އިބޫ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި އިސްމާއީލް މިގުލާލް ބަލިކޮށްގެންނެވެ.

ފައިނަލުގައި މިގުލާލް ވެސް ވަނީ އިބޫއަށް އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ. އެގޮތުން ކުރީކޮޅުގައި މިގުލާލް ބޮޑު ލީޑެއް ހޯދުމާއެކު އިބޫއަށް ބޮޑު ޗެލެންޖަކަށް ވެގެންދިޔައެވެ. ނަމަވެސް ފަހުކޮޅު ދެއްކި ތަފާތު މޮޅު ހުނަރާއެކު ރަންދާ ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަން އިބޫ ހޯދީ 16.83ގެ ސްކޯއަކާއެކުއެވެ. މިގުލާލް ހީޓުތައް ނިންމާލީ 15.00ގެ ސްކޯއަކާއެކުއެވެ.

މިއަހަރުގެ ސާފް ލީގުގައި ފަސް މުބާރާތް ކުރިއަށްދާ އިރު، ރަންދާ ރާޅުގަނޑަކީ ހަތަރުވަނަ މުބާރާތެވެ. އަހަރުގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބާއްވާނީ ރަންނަމާރި ޗެލެންޖެވެ. އެ މުބާރާތުގައި އަހަރުގެ އެންމެ މޮޅު ސާފަރު ކަނޑައެޅިގެންދާނެއެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ސާފް ލީގުގެ ފުރަތަމަ ޗެމްޕިއަނަކީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. މިއަހަރުގެ ލީގުގެ އެއްވަނައިގައި މިހާރު އިބޫ އޮތް އިރު، ދެވަނައިގައި އޮތީ އަންމަޑޭއެވެ. އެހެންކަމުން އަންނަ އޮކްޓޯބަރު މަހު ބާއްވާ ރަންނަމާރި ޗެލެންޖުގައި އިބޫ އާއި އަންމަޑޭގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް