ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލި 7 ފުރުސަތުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި

މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް މި ސަރުކާރުން ހުޅުވާލި "މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2023"ގެ ނަތީޖާ މިއަދު އިއުލާން ކޮށްފިއެވެ.

ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާ ކުރުމަށް ސްކޮލާޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ހުޅުވާލީ މި އަހަރުގެ އެޕްރީލް 20 ވަނަ ދުވަހުއެވެ.

މި ސްކޮލަޝިޕްތަކުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

މި ފަހަރުގެ ސްކޮލާޝިޕްތަކަށް އެދި ޖުމުލަ 49 އެޕްލިކޭޝަން ލިބިފައިވާއިރު މިއަހަރު ހުޅުވާލީ 7 ފުރުސަތެވެ. އެއީ ކޮންމެ ދާއިރާއަކުން ވެސް އެއް ޑޮކްޓަރަކު ސްޕެޝަލައިޒް ވުމަށް ހުޅުވާލި ފުރުސަތުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެނެސްތީސިއޮލޮޖީ، އިންޓާނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނޮކޮލޮޖީ، ޖެނެރަލް ސާޖަރީ އަދި ޕީޑިއޭޓްރިކްސްއެވެ.

ވަގުތީ ނަތީޖާ އިއުލާން ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީހުން ބިނާ ކުރުމުގެ ދާއިރާއަކީ މި ސަރުކާރުން އަބަދު ވެސް އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ.

އެގޮތުން ސްކޮލަޝިޕް ލިބުނު ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ފަހު ގައުމަށް އެނބުރި އައިސް ރައްޔިތުންނަށް އެ ޑޮކްޓަރެއް މަސައްކަތް ކުރާ ސަރަހައްދުތަކުން ބޭނުންވާ ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބިގެން ދިއުމަކީ އުއްމީދު ކުރައްވާކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތައްޔާރު ކުރުމަކީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް. މިއަދު އަޅުގަނޑު އުފަލާއެކު މި ފާހަގަ ކޮށްލަނީ ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމަށްޓަކައި ސްކޮލަޝިޕްތަކެއް ދެވުނުކަން. އަޅުގަނޑުމެން ސްކޮލަޝިޕްތަކެއް މިދެނީ ޑޮކްޓަރުން ސްޕެޝަލައިޒްވެގެން އެނބުރި އައިސް މިނިސްޓްރީ އޮފް ހެލްތަށް ބޮންޑް ކުރެވޭގޮތަށް ކޮންޓްރެކްޗުއަލް އެގްރިމެންޓެއްގައި ސޮއި ކުރެވޭގޮތަށް ސްކޮލަޝިޕް ކިޔަވަންދާ ގޮތަށް، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ސްޕެޝަލައިޒްވުމަށް އިޚްތިޔާރުކޮށްފައިވާ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޑިޕާޗާ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު ހިމެނެއެވެ.

އެ މިނިސްޓްރީން ބުނީ ސްކޮލަޝިޕްގައި ކެންޑިޑޭޓުން ފުރިހަމަ ކުރާ ޕްރޮގްރާމްގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅޭ ވަކި މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތް ކުރުމަށް ޝަރުތު ކުރެވޭނެ ކަމަށެވެ. އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު އެ މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތީން ދިވެހިރާއްޖެއަށް ޚިދުމަތްކުރުން ލާޒިމުވާނެ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ވަގުތީ ނަތީޖާ އިއުލާނުކުރެވުނު ހަތް ސްކޮލަޝިޕްގެ ދާއިމީ ނަތީޖާ މި މަހުގެ 10 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

"އެގޮތުން ދާއިމީ ނަތީޖާއަށް ބިނާކޮށް ސްކޮލަޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވިއްޖެކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އަން-ކޮންޑިޝަނަލް ޕްލޭސްމަންޓް ހުށަހަޅަންވާނެ. އަދި ހޮވުނުކަން އަންގާ ތާރީހުން ފެށިގެން 10 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެ" ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޮލަޝިޕްތަކުގެ ވަގުތީ ނަތީޖާ ވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ވެބްސައިޓްގައި މިއަދު ޝާއިޢުކޮށްފައެވެ. ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ވަގުތީ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ހުށައެޅުމަށް ވަނީ އެދިފައެވެ.

ޝަކުވާ ހުށައެޅުމުގެ ސުންގަޑިއަކީ މި މަހުގެ އަށެއް ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕްތައް މި ސަރުކާރުން މިދިޔަ އަހަރު ތައާރަފްކޮށްފައި ވާއިރު މިދިޔަ އަހަރު ވަނީ އަށް ސްކޮލަޝިޕްގެ ފުރުސަތު ދީފައި ވެއެވެ.

comment ކޮމެންޓް