އަމީނީމަގުގެ އެންމެ ބާރު ބޮޑު ސަރަހައްދުގައި މި ހަފުތާ ތާރު އަޅައި ނިންމަނީ

އަމީނީ މަގުގެ އަށްވަނަ ސެގްމަންޓާއި ނުވަވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ ކުރިން އޭބީސީ ލޭޔަރު އަޅައި ކެމިކަލް ސްޕްރޭ ކޮށްފައި --- ސަން ފޮޓޯ

އަމީނީ މަގުގެ އެންމެ ބާރު ބޮޑު ސަރަހައްދުގައި މި ހަފުތާގެ ތެރޭގައި ތާރުއަޅައި ނިންމަން މަސައްކަތް ކުރާ ކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ)ން ބުނެފިއެވެ.

އާރްޑީސީގެ މީޑިއާ އޮފިޝަލު، އަހުމަދު ފައިރޫޒު "ސަން"އަށް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލެވޭތޯ ކަަމަށެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު އާރްޑީސީގެ އަމާޒަކަށް ވެފައިވަނީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ޣިޔާސުއްދީން ސްކޫލާ ހިސާބަށް ތާރުއަޅައި ނިންމާލުމަށެވެ.

އަންނަ ހަފުތާގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ އަމީނީ މަގުގެ އެންމެ ބާރުބޮޑު އެއް ހިސާބު ކަމަށްވާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ހުންނަ ސަރަހައްދުން ޣިޔާސުއްދީން ސްކޫލާ ހިސާބަށެވެ.

ފައިރޫޒް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުގެ ކުރިން މި ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔާއެއް. މިހާރު އެ ލޭޔާ އެއްކޮށް އަޅާ ނިމިފަ އެވަނީ. އޭގެ ފަހުގެ ކުރާނެ ކެމިކަލް ސްޕްރޭ ޕެއިންޓެއް. އެ ސްޕްރޭ ހިކުނީމާ ތާރު އެޅުމުގެ މަސައްކަތް ފެށޭނީ،" ފައިރޫޒު ވިދާޅުވިއެވެ.

ތާރު އެޅުމުގެ މަސައްކަތް ލަސްވީ ވިއްސާރައާ ގުޅިގެން ކަމަށްވެސް ފައިރޫޒު ފާހަގަކުރެއްވިއެވެ. މޫސުންތަން ދޭ ނަމަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަދި ސުކޫލުތަކުގެ ކިޔެވުން ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުގެ އެއް ވަނަ ސެގްމެންޓުން ފެށިގެން ހަތް ވަނަ ސެގްމެންޓާ ހަމައަށް ތާރުއަޅައި ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

comment ކޮމެންޓް