މަޖިލީހުގެ އިތުރު މެންބަރަކު ޕީޕީއެމާ ގުޅިވަޑައިގަތުމަށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފައި: މައުމޫން

ކުރިއަށް އޮތްތާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕީޕީއެމާއި ގުޅިވަޑައިގެންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން އަންނަ ކަމަށް ޕީޕީއެމްގެ ވަގުތީ ރައީސް ރައީސް އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީޕީއެމަށް ސޮއިކުރެއްވުމަށް ފުވައް މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމަކީ ފައިސާއަށް އެއްވެސް މެންބަރަކު ދުވަހަކުވެސް ގަންނާނެ ޕާޓީއެއް ނޫންކަމަށާއި އެޕާޓީއާ ގުޅިވަޑައިގެންނަވަނީ އެޕާޓީގެ ސިޔާސަތުތައް ގަބޫލު ކުރައްވާ ފަރާތްތައްކަމަށެވެ.

"ޕީޕީއެމް މަސައްކަތް ކުރަނީ ދިވެހި ގައުމަށް ޓަކައި ދިވެހި ރާއްޖެ އަށް ހެޔޮގޮތްތައް ހޯދައިދޭން މާތްވެގެންވާ އިސްލާމްދީނުގައި ދެމިތިބެ މިގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައި ދިނުމަށްޓަކައި،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ހިސްޓޯ އަކީ ކުރިން އެމަނިކުފާނު ދެނެ ވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލިހުގައި ހިސްޓޯ ދައްކަވާ ވާހަކަފުޅުތަކާއި އުސޫލުތަކުގެ ސަބަބުން އެމަނިކުފާނުގެ ހިތުގައި ހިސްޓޯއާއި މެދު ގަދަރު އުފުލެވިގެންދިޔަ ކަމަށާއި ހިސްޓޯ ޕީޕިއެމާއި ގުޅުނީ ފައިސާގެ އެއްވެސް ނުފޫޒެއް ނެތިކަމަށެވެ.

"އެމަނިކުފާނަކީ [ޝިފާގުމުފީދަކީ] ފައިސާގެ އަޅެއްނޫން. އެމަނިކުފާނަކީ އަމިއްލަ މަސްލަހަތައްޓަކައި ގައުމުގެ މަސްލަހަތު ގުރުބާން ކުރާނެ ބޭފުޅެއްނޫން. އެމަނިކުފާނު ޕީޕީއެމާއި ގުޅިވަޑައިގަތީ އެންމެ ފައިސާ ފޮއްޗެއް ވެސް ދީގެނެއްނޫން. އަޅުގަނޑުމެން އެމަނިކުފާނަކަށް އެއްވެސް ލާރިއެއް ނުދެން. އަދި ކުރިއަށް އޮތްތާގައި އެއްވެސް މީހަކަށްވެސް އަޅުގަނޑުމެން ލާރިއެއް ނުދޭނެ ކަމުގެ ޔަގީންކަން ދޭން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަކީ އަމިއްލަ މަސްލަހަތަށް ނުބައްލަވާ ގައުމަށް ފައިދާކުރަނިވި އަދި ރައްޔިތުންނަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރައްވާނެ ބައެއްކަމަށް ވާނެ ކަމަށް އުއްމިދުކުރައްވާ ކަމަށާއި ގައުމަށް ފައިދާ ކުރަނިވި ގޮތަށް މެންބަރުން ޕާޓީތަކާއި ގުޅުމަކީ މައްސަލައެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދފި ވިދާޅުވީ ޕީޕީއެމް އުފެއްދީ ވަކި މީހަކަށް ވަކި އާއިލާގެ ބޭފުޅަކު ވެރިކަމަށް ގެންނަން ނޫންކަމަށެވެ.


މައުމޫން ވިދާޅުވީ ރައީސުލްޖުމުހުރއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަށް އިއްތިހާދުގެ ފުރިހަމަ ތާއީދު މިވަގުތުވެސް ބޭނުންކަމަށާއި އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކުން އިއްތިހާދީ ސަރުކާރު ދަމަހައްޓަން ޖެހެނީ މުޅިގައުމުގެ ހައްގުގައި ކަމަށެވެ.

"ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު ވަހީދު މަސައްކަތްޕުޅު ކުރައްވަމުން އެގެންދަވަނީ ވަރަށް ދަތި މާހައުލެއްގައި ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުން އެބަދޭ. ރާއްޖޭގެ އެތެރޭއިންވެސް އަދި ރާއްޖެއިން ބޭރުން ވެސް އެހެން ކަމުން މިފަދަ ދަނޑިވަޅެއްގައި އިއްތިހާދުގެ ސަރުކާރު ދެމެހެއްޓުމަކީ މުޅި ގައުމަށް ޓަކައި ކުރަން ޖެހޭ ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.

އިއްތިހާދުގެ ސަރުކާރުގެ ރޫޅިގެން ހިގައްޖެނަމަ އެކަމުގެ ހިތިނަތީޖާ ދިވެހި ރައްޔިތުން ތަޖުރިބާ ކުރަން ޖެހޭނެކަމަށާއި މިވަގުތު ބައެއްކަންކަން ހުރިހާ އެންމެން ހިންހަމަ ޖެހޭ ގޮތަށް ނުދިޔަނަމަވެސް އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކުން ރައީސް ވަހީދާއިއެކު ދެމި ތިއްބެވުމަށް މައުމޫން ހުރިހާ ޕާޓީތަކަށް ގޮވާލިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު