ކްރިތީއާއި ނުޕުރުއަކީ ފްލޮޕް ދެބެއިންކަމަށް ބުނުމުން ރަތަށް

ބަތަލާ ކްރިތީ ސެނޮންއާއި ކޮއްކޮ ނުޕުރު ސެނޮންއާ މުޚާތަބުކޮށް ދެބެއިންނަކީ ދެ ފްލޮޕްއިންކަމަށް ބުނުމުން ނުޕުރު އެކަމާ ވަރަށްބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

ފިލްމީ ދާއިރާއަށް ނުކުންނަށް ތައްޔާރުވެފައިވާ ނުޕުރުގެ ބަހުގެ ޙަމަލާތަށް އަމާޒުވެފައިވަނީ އިންސްޓަގްރާމްގައި ނުޕުރުކުރި މުޢާމަލާތަކަށް އާއްމުންގެ ފަރާތުން މީހަކު ކޮމެންޓުކުރުމާ ގުޅިގެންނެވެ.

ދާދިފަހުން އަމިއްލަ ބިއުޓީ ބްރޭންޑެއް ލޯންޗުކުރި ބަތަލާގެ އުފަންދުވަހާވެސް ގުޅުވައިގެން ނުޕުރުވަނީ ވަރަށް ފޮނި އެހާމެ ލޯބި ޕޯސްޓެއް ކްރިތީ ސެނޮންއާބެހޭގޮތުން ކޮށްފައެވެ.

ކްރިތީގެ އުފަންދުވަހާ ގުޅުވައިގެން ގިނަ ބައެއްގެ މެސެޖުތަކާއެކު އަމިއްލަ ބިއުޓީ ބްރޭންޑެއް ލޯންޗުކުރުމާއެކު ސަޕޯޓަރުންވަނީ މަރުހަބާގެ މެސެޖުތައް ބަތަލާއަށް ފޮނުވާފައެވެ. އޭގެތެރެއިން މީހަކު. 'ފްލޮޕް ސިސްޓަސް"ގެ ނަމުގައި ކޮމެންޓުކުރުމުން ޖަވާބުގައި ނުޕުރުބުނީ ފްލޮޕް ދެބެއިންކަމަށްވިޔަސް އެ ދެބެއިންގެ އެކައުންޓު ފޮލޯ ކުރެވޭކަމަށްބުނެ ރައްދުދީފައެވެ.

ނުޕުރުއާއި ކްރިތީއަކީ އަބަދުވެސް ވަރަށް އެކީގައި އުޅޭ ދެބެއިންނެވެ. ދާދިފަހުން ކްރިތީ ލޯންޗުކުރި އަމިއްލަ ޕްރޮޑަކްޝަން ހައުސްއަކީވެސް ކޮއްކޮ ނުޕުރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ފިލްމު ކުޅުމުގެ އިތުރުން ނުޕުރުއަކީ ލަވަކިޔުމަށްވެސް ވަރަށްބޮޑަށް ޝައުޤުވެރިވާ ފަރާތެކެވެ. ނުޕުރުގެ އަޑުން ކިޔާފައިވާ ލަވަތައް ދޭތެރެއަކުން ކްރިތީ އޭނާގެ ސަޕޯޓަރުންނާވެސް ހިއްސާކުރެއެވެ. މިހާތަނަށް ބައެއް ވީޑިއޯ ލަވަތަކުންވެސް ނުޕުރު ފެނިފައިވާއިރު އޭނާއަކީ އަބަދުވެސް ކްރިތީއަށް ދެކޮޅަށް އަންނަ ފާޑުކިޔުންތަކާ ކެރިގެން ކުރިމަތިލާ ފަރާތެކެވެ.

ނުޕުރު ސެނޮން މިހާތަނަށްވަނީ ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ "ނޫރާނީ ޗެހެރާ" ނަމަކަށްކިޔާ ފިލްމަކާއި "ޓައިގަ ނާގެޝްވަރާ"ނަމަކަށްކިޔާ ފިލްމެކެވެ.

comment ކޮމެންޓް