ދަރިފުޅު ތްރިޝަލާ ފިލްމު އިންޑަސްޓްރީއާ ގުޅެން ސަންޖޭ ދަތު ދެކޮޅު

ސަންޖޭ ދަތުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅު ތްރިޝަލާ ދަތު ފިލްމީ ދާއިރާއަށް ނުކުތުމަކީ އެއްވެސްވަރަކަށް އެކަމާ ރުހޭކަމެއް ނޫންކަމުގައި އެކްޓަރު ބުނެފިއެވެ.

އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެގައި ސަންޖޭ ދަތު ބުނެފައިވަނީ، ފިލްމީ ދާއިރާއާއި ގުޅެން ބޭނުންވާކަން ދަރިފުޅު ތްރިޝަލާ ހާމަކުރި ދުވަހު ވަރަށް ހިތްހަމަނުޖެހުނު ކަމުގައެވެ.

ސަންޖޭއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ފަރާތަކަށްވެފައި ދަރިފުޅު ފިލްމީ ދާއިރާއާއި ގުޅެން ބޭނުންނުވާކަން ހާމަކުރުމުން ވަރަށްގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނެވެ.

މިމަހުގެ 29ވަނަ ދުވަހު 64 އަހަރު ފުރުނު އެކްޓަރު ބުނެފައިވަނީ އެއީ އެއްގޮތަކަށްވެސް ފިލްމު އިންޑަސްޓްރީއާމެދު ހިތްހަމަނުޖެހުމެއް ހިތުގައި އޮވެގެން ނޫންކަމަށާއި ފިލްމީ ދާއިރާއާއި ގުޅުމަކީ ޚުދު ތްރިޝަލާއަށްވެސް ފަސޭހަކަމަކަށް ނުވާނެތީއެވެ.

ތްރިޝަލާއަކީ އެމެރިކާގައި ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކޮށް އެމެރިކާގައި އުޅެ ބޮޑުވި ކުއްޖެއްކަމަށާއި، އެންމެ ފުރަތަމަ ފިލްމެއް ކުޅެން ހިންދީ ބަސް ދަސްކުރުންވެސް އެއީ ތްރިޝަލާއަށް ފަސޭހެކަމަކަށް ނުވާނެކަމަށް ސަންޖޭވަނީ ބުނެފައެވެ. ސަންޖޭ އަބަދުވެސް ބޭނުންވީ ތްރިޝަލާ ކިޔެވި ދާއިރާ ފޮރެންސިކް ސައިންސްއާއި ގުޅުންހުރި މަސައްކަތެއް ދަރިފުޅު ކުރަންކަމަށް އެކްޓަރުވަނީ ބުނެފައެވެ. އެގޮތުން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި ތްރިޝަލާ ގުޅެން އެދުނުކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.

ޓްރިޝަލާއަކީ ކިޔެވުމުގައި ވަރަށް ވިސްނުން ތޫނު ކުއްޖެއްކަމަށާއި ކިޔެވި އެއްޗެއްގެ ބޭނުން ރަނގަޅުގޮތުގައި ބޭނުންކުރުމަށް ދަރިފުޅަށް ހިތްވަރު ދިންކަމަށްވެސް ސަންޖޭވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއާއި ގުޅުމުގެ ޚިޔާލު ދޫކޮށްލުމަށްފަހު ތްރިޝަލާވަނީ ސައިކޮލޮޖީ ދާއިރާއިން ކުރިޔަށްދާން ނިންމާފައެވެ. ތްރިޝަލާއަކީ، ކުރީގެ ބަތަލާ އަދި މޮޑެލް ރިޗާ ޝަރުމާއާއި ސަންޖޭ ދަތުގެހުރި ހަމައެކަނި ދަރިފުޅެވެ. ރިޗާ ޝަރުމާ މަރުވެފައިވަނީ ސިކުނޑީގައި އުފެދުނު ޓިއުމަރަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ.

ސަންޖޭ ދަތު އޭގެ ފަހުން ކައިވެނިކޮށްފައިވަނީ ކުރީގެ ބަތަލާ މަންޔަތާއާއެވެ. މިކައިވެންޏަށް އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކުވަނީ ލިބިފައެވެ.

comment ކޮމެންޓް