ސުޝްމިތާގެ ވެބް ސީރީސް 'ތާލީ'ގެ ޓީޒާ ދައްކާލައިފި

ބަތަލާ ސުޝްމިތާ ސެންގެ ކެރިއަރުގެ ދެވަނަ ވެބް ސީރީސް "ތާލީ"ގެ ޓީޒާ އާއްމުންނަށް ދައްކާލައިފައެވެ.

މިއީ ރަވީ ޖާދަވު ޑައިރެކްޓްކޮށް ޖިއޯ ސިނަމާގައި ޕްރިމިއާކުރުމަށް ނިންމާފައިވާ ވެބް ސީރީސްއެކެވެ. މީގެކުރިން ސުޝްމިތާ ސެން ކުޅެފައިނުވާކަހަލަ ރޯލަކުން ބަތަލާ ފެންނަ ސީރީސް "ތާލީ" ޕްރިމިއަކުރުމަށް ނިންމާފައިވަނީ އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެންނެވެ.

ސުޝްމިތާ ސެން ލީޑްރޯލް ކުޅޭ "ތާލީ"އަކީ، އިންޑިއާގެ ޓްރާންސްޖެންޑަރ އެކްޓިވިސްޓެއްކަމަށްވާ ޝްރީގޯރީ ސާވަންތުގެ ޙަޔާތުގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ހަޤީޤީ ޙާދިސާތަކާ އެއްގޮތަށް ކުޅެފައިވާ ވެބް ސީރީސްއެކެވެ. އިންޑިއާގެ ޤައުމީ އެވޯޑްވެސް ހާސިލުކޮށްފައިވާ ރަވީ ޖާދަވު ގެނެސްދޭ މިވެބް ސީރީސްގެ ޕްރޮޑިއުސަރަކީ، އަރުޖުން ސިންގް އަދި އަފީފާ ނަދިއަދުވާލާއެވެ.

އެންމެ ފަހުން ބެންގާލީ ފިލްމަކުން ސުޝްމިތާ ސެން ފެނިފައިވާއިރު ސުޝްމިތާގެ ގިނަ ވަގުތު ހުސްކޮށްފައިވަނީ 2020ވަނަ އަހަރު ރިލީޒްކުރެވުނު ވެބް ސީރީސް "އާރްޔާ"އަށެވެ. މި ވެބް ސީރީސްގެ ދެ ސީޒަން މިހާތަނަށް ރިލީޒްކުރެވިފައިވާއިރު "އާރްޔާ"ގެ ތިންވަނަ ސީޒަންގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައެވެ.

މި ސީޒަންގެ މަސައްކަތް ފެށިތާ ދުވަސްކޮޅެއްނުވަނީ ސުޝްމިތާއަށް ހާޓް އެޓޭކެއްޖެހުމާ ގުޅިގެން ބަތަލާވަނީ "އާރްޔާ"ގެ ސެޓުން ބްރޭކެއް ނަގާފައެވެ. ސުޝްމިތާގެ ދެވަނަ ވެބް ސީރީސް "ތާލީ" އޮގަސްޓް 15ގައި ޖިއޯ ސިނަމާއިން ޕްރިމިއާކުރާއިރު "އާރްޔާ" ރިލީޒްކުރާނެ ތާރީޚެއް އިއުލާނެއްނުކުރެއެވެ. "އާރްޔާ"އަކީވެސް ސުޝްމިތާ ސެން މުޅިން ތަފާތު ލުކްއެއްގައި ފެންނަ ވެބް ސީރީސްއެކެވެ. މި ސީރީސް ޕްރިމިއަކުރަނީ ޑިޒްނީ ހޮޓް ސްޓާގައެވެ.

comment ކޮމެންޓް