ހަފުތާއެއްގެ ތެރޭގައި ބާބީ ބިލިއަނަށް

ކުޑަކުދިންގެ މެދުގައި އެތައް އަހަރެއް ވަންދެއް މަގުބޫލުކަން ހޯދާފައިވާ "ބާބީ" ކެރެކްޓަރަށް ބިނާކޮށް ތައްޔާރުކުރި ލައިވް އެކްޝަން ފިލްމަށް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.

ގްރެޓާ ގާވިގް ޑައިރެކްޓް ކުރި ބާބީ ފިލްމަކީ މެޓެލްގެ ބާބީ ބުދަށް މުޅިން އާ ވާހަކައެއް ދިނުމަށް ތައްޔާރުކުރި ފިލްމެކެވެ. ތަފާތު އެކި މާކެޓިންތަކާ އެކު ފިލްމުގެ ވާހަކަ އަޑު ނާހާ މީހެއް މަދުވާނެއެވެ. އެއާ އެކު އެތައް ބަޔަކު ތިބީ މި މަސް ފެށުމުގެ ކުރިން ވެސް ފިލްމަށް ކެތް މަދުވެފައެވެ.

ފިލްމު މިހާރު އެޅުވިތާ ހަފުތާއެއް ވެފައިވާއިރު ފިލްމު މިސްރާބު ޖަހާފައިވަނީ އަހަރުގެ އެންމެ ބޮޑެތި ފިލްމުތަކުގެ ލިސްޓުގައި ހިމެނިގެން ދިޔުމަށެވެ. އެގޮތުން ހަފުތާއެއްގެ ތެރޭގައި ފިލްމަށް 500 މިލިއަން ޑޮލަރު ލިބިފައިވާއިރު މިއަދުގެ އާމްދަނީއާއެކު ފިލްމަށް 700 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެ ކަމަށް ބޮކްސް އޮފީހުގެ އެނަލަސިސްތަކުން ދައްކައެވެ.

މި އެނަލައިސިސްތަކުން ދައްކާގޮތުން މި ހަފުތާ ނިމޭއިރު ފިލްމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ. އެއާއެކު މި ފިލްމު ވެގެން ދަނީ މިއަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ދެވަނަ ފިލްމަށެވެ. އެއްވަނައިގައި އޮތީ މަޝްހޫރު ވީޑިއޯ ގޭމް "ސުޕަ މާރިއޯ ބްރޮސް" ފިލްމެވެ. މި ފިލްމަށް ވަނީ 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބާބީ އަކީ މި އަހަރުގެ މެދުތެރޭގައި އަޅުވާ އެންމެ ބޮޑު ފިލްމަށް ވުން އެކަށީގެންވެއެވެ. ބާބީ އާއި ކެންގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ބާބީގެ ރޯލުން ފެންނާނީ މާގޯ ރޮބީ އާއި އިސާ ރޭ އަދި ޑުއާ ލީޕާ އާއި އެމާ މެކީއެވެ. ކެންގެ ރޯލުން ފެންނާނީ ރާޔަން ގޮސްލިން އާއި ސިމޫ ލިއޫއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު