ކާނިވަލަށް ގޮސްގެން ބާލީ ދަތުރެއް ހޯދުމުގެ ފުރުސަތު

މިރޭ ފަށާ މިނިވަން އުފާ ކާނިވަލުގައި އުރީދޫ މޯލްޑިވްސްއިން ބާއްވާ ލަކީ ޑްރޯގައި ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަތް ދުވަހުގެ ބާލީ ދަތުރެއް ދޭން ނިންމައިފިއެވެ.

އުރީދޫއަކީ، ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލުގެ ޕާޓްނަރެކެވެ.

މިރެއިން ފެށިގެން ހަ ދުވަހުގެ ނިޔަލަށް ހަވީރު 4:00އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މިނިވަން އުފާ ކާނިވަލުގައި ކޮންމެ އުމުރުފުރައަކަށް ވެސް ބައިވެރިވެވޭނެއެވެ.

މި ކާނިވަލްގައި ކުރިއަށްދާ ލަކީ ޑްރޯގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫއިން ނަސީބުވެރިޔަކަށް ދެނީ، އިތުރު މީހަކާއެކު ހަތް ދުވަހަށް ބާލީއަށް ދިޔުމުގެ ފުރުސަތެވެ. އެގޮތުން ފްލައިޓް ޓިކެޓާއި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އޭގެ ތެރޭގައި އުބުދުގައި ދެ ރޭ، ނޫސާ ޕެނިޑާގައި ދެ ރޭ އަދި ދެ ރޭ ސެމިނިއާކްގައި ހުރެވޭނެ ތިބެވޭނެ މިތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި ދަތުރު ހޯދުމަށް ޓަކައި، ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭންކޮށް ރެޖިސްޓާ ކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ކާނިވާ ނިމެންދެން ލަކޯ ޑްރޯގައި ބައިވެރިވެވޭއިރު، ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް ހޮވަން ހަމަޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަސް ކަމަށްވާ އަންނަ ބުރާސްފަތި ދުވަހުއެވެ.

އުރީދޫ ނޭޝަން ސްޓޯލްގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ކަމަށާއި އެ ކުޅިވަރުތަކުން އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް