ރޯގާގެ އަލާމާތެއް ހުރި ނަމަ ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވޭ: އެޗްޕީއޭ

ރޯގާ ޖެހިގެން ބަޔަކު ޑޮކްޓަރަށް ދައްކަން ގޮސް --- ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ފެތުރެމުންދާ ރޯގާގެ އަލާމާތެއް ހުރިނަމަ ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ފެތުރެމުންދާ ރޯގާއަކީ ނޯރޯ ވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަހެއް ކަމަށެވެ. އަދި ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ރޯގާއިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް، ހޭންޑް ސެނިޓައިޒާ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން، ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުމަށާއި ޓިޝޫ ޕޭޕަރު ނުވަތަ ޓަވަލްއިން ސާފުކޮށް ރައްކާތެރި ގޮތުގައި އުކާލުމަށްފަހު ބްލިޗް އަޅައިފައި ފަސް މިނެޓު ބަހައްޓާ އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި ނުވަތަ ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މާލެ ސަރަހައްދުގައި މި ރޯގާ ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. އިއްޔެ އެކަނި ވެސް 250އަށްވުރެ ގިނަ މީހުން ވަނީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކައިފައެވެ.

comment ކޮމެންޓް