ށ. މަތިކޮމަންޑޫ ބިންހިއްކުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަތިކޮމަންޑޫގެ ބިންހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް އާދަމް އަބްދުﷲ ވިދާޅުވީ މަތިކޮމަންޑޫ ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެެއްގައި މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
"ކޮމަންޑޫ ރައްޔިތުންނަށް މި ވަރުގެ އުފާވެރިކަމެއް ނާންނާނެ ވަރުގެ އުފާވެރިކަމެއް މި އަންނަނީ،" އާދަމް ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ ކޮމަންޑޫ ރައްޔިތުންނަކީ ބިމުގެ ދަތިކަން ބޮޑުވެގެން އެތައް ޒަމާނަކު ތަހައްމަލުކުރަމުން އައި ބަޔަކަށް ވާއިރު ކޮމަންޑޫއާއި މަތި ކޮމަންޑޫ ހިއްކައި ލޭންޑްޔޫސް ޕްލޭން ހަމަޖެހިގެން ދިއުމަކީ އެންމެ އުފާވެރި ކަންތައް ކަމަށެވެ.
މި މަހުގެ އަށްވަނަ ދުވަހު އާޒިމް ވަނީ ކޮމަންޑުއަށް ވަޑައިގެން އެ މަސައްކަތް ހިނގާ ގޮތް ވެސް ބައްލަވައިލައްވައިފައެވެ. އެ ދުވަހު އޭނާވަނީ އޯގަސްޓު މަސް ނިމުމުގެ ކުރިން މަތިކޮމަންޑޫ ހިއްކޭނެ ކަމަށް ވިދާޅުވެފައެވެ.
އޯގަސްޓު މަހުގެ ތެރޭގައި ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ފެށި އެ މަސައްކަތް ވެސް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެކަމަށް ވެސް އެ ދުވަހު އާޒިމް ވިދާޅުވިއެވެ.
ދެ ކޮމަންޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.
ޖުމުލަ 249 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރު ތެރޭގައި ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.
މަތިކޮމަންޑޫ ބިން ހިއްކާ ނިމުމުން އެ ރަށާ އެއްފަޅެއްގައި އޮންނަ ކޮމަންޑޫއާ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ގުޅާލާނެއެވެ.