މައިކްރޮސޮފްޓް ޓީމްސް ބޭނުން ކުރާ މީހުންގެ މެދުގައި ގުޅުންބަދަހިކޮށް ޝައުގުވެރިކަން އިތުރުކުރުމަށް، އާފީޗާތަކެއް އިތުރު ކޮށްފިއެވެ.
މައިކްރޮސޮފްޓް ޓީމްސްއަށް އާ ފީޗާތަކެއް ގެންނަން ނިންމާފައިވާއިރު، މި އާ ފީޗާތަކަކީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދުރު ހިސާބުތަކުން ލޮގިންވި ނަމަވެސް ޔޫޒަރުންނަށް ފަސެހަކަމާއެކު މުއާމަލާތްކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ތައާރަފުކުރާ ފީޗާތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އަލަށް އިތުރުކުރާ އެއް ފީޗާއަކީ އެ ޕްލެޓްފޯމްގައި ސްކްރީން ޝެއާ ފީޗާ މެދުވެރިކޮށް ޝެއާކުރާ ކޮންޓެންޓްތައް ބަލާއިރު ޓީމް ބޭނުންކުރާ ފަރާތްތަކަށް ތަފްސީލްތައް ފަސޭހައިން ބެލޭނެ ފީޗާއެކެވެ.
މީގެ އިތުރުން މައިކްރޮސޮފްޓް ޓީމްސްއަށް އިތުރު ބަޓަންތަކެއް ތަޢާރަފުކުރަން ވަނީ ނިންމާފައެވެ. އަލަށް ލިބެން ހުރި ބަޓަންތައް ބޭނުންކޮށްގެން ޒޫމްކޮށް، ޒޫމް އައުޓްކޮށް، ސްކްރީންޝެއާގެ އަސްލު ސައިޒު ބަދަލުކޮށް އަލުން އިއާދަކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.
އޭގެ އިތުރުން، މައިކްރޮސޮފްޓް ޓީމްސްގެ ލިންކްތައް ބޭނުންކޮށްގެން ވަކި މެސެޖެއް ހޯދުމުގައި ވެސް މައިކްރޮސޮފްޓުން ދަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަމުންނެވެ. އެ ކުންފުނިން ބުނީ ބިޒީ ގްރޫޕް ޗެޓެއްގައި ވަކި މެސެޖެއް ރެފަރެންސް ކުރަން ބޭނުންވެއްޖެ ނަމަ މިހާރު އެ މެސެޖުގެ ލިންކެއް ހިއްސާ ކުރެވޭނެ ކަމަށެވެ.
މި ލިންކުގެ ލިބޭ ފަރާތް ސީދާ ސައިޓަކަށް ގެންގޮސްދޭނެ ކަމަށާއި، އޭގެ ސަބަބުން އެ ކަމަކާ ގުޅޭ ޗެޓްތައް ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ އިތުރުން ޓީމްސްގައި ޝެއާކުރާ ވީޑިއޯ ކްލިޕްތަކުގައި މިހާރު ކެޕްޝަންތައް އިނގިރޭސި ބަހުން ފެންނަން ހުންނާނެއެވެ. އެ ކުންފުނިން ބުނީ މި ފީޗާއަށް ވަރަށް އަވަހަށް އެހެން ބަސްތައް ވެސް އިތުރު ކުރާނެ ކަމަށެވެ.
މައިކްރޮސޮފްޓް ޓީމްސްގެ ކަލަންޑަރު ފީޗާއަށް ވެސް މައިކްރޮސޮފްޓުން އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެ ކުންފުނިން ކުރި ބްލޮގް ޕޯސްޓްގައި ބުނީ ޓީމްސް އިން މިހާރު ބޭނުންކުރާ މީހުންނަށް އާ އެޖެންޑާ ވައިޑް އޮޕްޝަނާއެކު ދުވަސް އިންތިޒާމު ކުރުމުގެ ފުރުސަތު ދޭ ކަމަށެވެ.
މި އޮޕްޝަންގެ ސަބަބުން ހުރިހާ އިވެންޓެއްގެ ލިސްޓެއްގެ ގޮތުގައި ފަސޭހައިން ބެލުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެ ކުންފުނިން ބުނީ އެޖެންޑާ ވިއުއިން ބޭނުންކުރާ ފަރާތްތަކަށް އާރްއެސްވީޕީ އާއި ބައްދަލުވުމެއްގައި ބައިވެރިވުމާއި ބައިވެރިންނާ ޗެޓް ކުރުމުގެ އިތުރުން އެކްސެސް މީޓިން ނޯޓްސް، ރެކޯޑިން އަދި ޓްރާންސްކްރިޕްޓް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ކަލަންޑަރުގައި އިވެންޓެއް ރީޝެޑިއުލް ކުރަން ޖެހިއްޖެ ނަމަ، އެ އިވެންޓެއް ރީޝެޑިއުލް ކުރުމަށް މިހާރު ކަލަންޑަރު ވަކިން ހުޅުވަން ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ޑްރެގް އެންޑް ޑްރޮޕް ފީޗާ ބޭނުންކޮށްގެން މިހާރު އޮތް ކަލަންޑަރު އިވެންޓް ޑްރެގްކޮށް، އާ ޓައިމްސްލޮޓަކަށް ބަދަލުކޮށްގެން އެކަން ކުރެވޭނެއެވެ.
މައިކްރޯސޮފްޓްގެ ޓީމްސްއަށް މިގެނައި ބަދަލާއެކު ގޫގުލް މީޓްފަދަ އެހެނިހެން މިފަދަ ޕްލެޓްފޯމްތަކުގައި މިހާރު ލިބެންނެތް ބައެއް ފީޗާތައް ވަނީ ޓީމްސްއަށް އިތުުރުކުރެވިފައެވެ. މިކަމުގެ ސަބަބުން ޓީމްސްއަށް މިހާރުވެސް އޮތް މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.