ކޮވިޑުގެ މާޒީ ހަނދާން ނައްތާލަން މާ އަވަސް: ރައްކާތެރި ނުވެއްޖެނަމަ އޮތީ ބިރުވެރިކަން!

މާޗް 14، 2017: އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގާ ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ގޭ ބަންދެއްގައި ދިވެހީން ތިބި ދުވަހަކީ މާ ކުރީގެ މާޒީއެއް ނޫނެވެ. ކޮވިޑުގެ ބަލިމަޑުކަމާއެކު ލޮކްޑައުނަކަށް ދާން ޖެހުނު ދުވަސް އިއްޔެ ވީ ކަމެއްހެން އެންމެން ވެސް ހަނދާން ހުންނާނެއެވެ.

އެކަމަކު، ކޮވިޑާއެކު ދިވެހީން ދަސްކުރި ސާފުތާހިރުކަމުގެ އާދަކާދަތައް މިއަދު ހަނދާން ނެތިއްޖެއެވެ. އަތް ދޮންނަން ކުރިހާ އިލްތިމާސް ހަނދާން ނެތިއްޖެއެވެ. އެ ދުވަހު އުޅެން ޖެހުނު ދަތި ހާލުގެ މަތިން ހަނދާން ނެތިއްޖެއެވެ.

އިއްޔެ ރާއްޖެ ހޭލައްވައިލީ އަނެއްކާ ވެސް ބިރުވެރި ޚަބަރަކުންނެވެ. ކޮވިޑްގެ ދަތިކަން ތަޖުރިބާ ކުރި އެންމެންނަށް ވެސް އެ ޚަބަރު ވީ އިންޒާރަކަށެވެ.

ހޮޑުލެވުމާއި ބޭރަށް ހިންގުންފަދަ ގިނަ އަލާމަތްތަކެއް ފެންނަ، ގިނަ އަދަދެެއްގެ ކުދިންނާއެކު މާލޭގެ ހޮސްޕިޓަލްތައް އެމަޖެންސީ ހާލަތަކަށް ދިޔައީއެވެ.

އިއްޔެގެ 18:00އާ ހަމައަށް އައިޖީއެމްއެޗްއަށް 250އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކެއި ފަހުން ކަަމަށް ދިމާވި ކަމެއް ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް، އެޗްޕީއޭއިން ވަނީ އެ ކަން ދޮގުކޮށްފައެވެ. އެ އިދާރާއިން ބުނީ ބަލި ފެތުރެމުންދަނީ ވައިރަހެއްގެ ސަބަބުން ކަމަށެވެ.

މާޗް 14، 2017: އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގާ ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ރޭ "ސަން"އަށް ވިދާޅުވީ އެކަކު އަނެކެއްގެ ގަޔަށް ވައިރަސް ވަރަށް ފަސޭހައިން ފެތުރޭނެ ކަމަށެވެ. އެހެންވެ، މީހުން އެއްވެ އުޅޭ މިންވަރު ގިނަވާނަމަ ބަލި ފެތުރޭ މިންވަރު ހަލުވި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުއްލި ކުއްލިއަށް ގިނަ އެ ވަނީ މީހުން އެއްވާ ތަންތަން ގިނަ ވީމަ. ވައިރަސް އުޅެމުންދާއިރު، ނޭނގި ނަމަވެސް ބަލި ޖެހިފައި ތިބޭ މީހުން އެ ތަންތަނަށް ދިޔައީމަ އެ ފެތުރިގަންނަނީ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ފައިސަލް މިހެން ވިދާޅުވިއިރު، 59ވަނަ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ހަރަކާތްތަކަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެ ތަންތަނަށް ޖަމާވިއެވެ. ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތާއި، މަގުތަކުގައި ބޭއްވި ޕެރޭޑާއި ފުޅަނދުބުރުގެ ހަރަކާތްތައް ބަލަން ވެސް ގިނަ ބަޔަކު ޖަމާވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މި ފަދަ ހާލަތެއްގައި މީހުން އެއްވާ މިންވަރު މަދުކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރަށް، ކާބޯތަކެތި ވިއްކާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އާއްމު ދިިރިއުޅުމުގައި ވެސް އަތް ދޮވުމުގެ އާދަ ހަރުލެއްވުމަކީ ވެސް މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ވަބާގައި ވެސް ހޮސްޕިޓަލްތަކަށް ބަލި މީހުން ނުތަކާ، ފަރުވާދޭނެ ސެންޓަރުތަކެއް ހުޅުވަން ޖެހުނެވެ. އެ ބަލިމަޑުކަމުގައި ވެސް ބިރުވެރިކަން ފެތުރުނީ ހީ ވެސް ނުކުރާހާ އަވަހަށެވެ. ދިވެހީންނަށް ހޭވެރިކަން ވީ އެ ބަލީގައި މީހަކަށްފަހު މީހެއް މަރުވާން ފެށުމުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ ރައްކާތެރި ނުވެ ފަރުވާކުޑަކޮށްލައިފިނަމަ، ހޮސްޕިޓަލްތަކަށް ނުތަކާ ވަރަށް ވެސް ކޭސްތައް އިތުރުވެދާނެ ކަމަށެވެ.

"މިހާރު ވެސް އޮންނަނީ ފުރިފައި ދެއްތޯ. މިހާރު ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ވެސް ދެއްކެނީ ދެތިން ގަޑިއިރު ފަހުން. ނުވަތަ ހަތަރު ފަސް ގަޑިއިރު ވެސް ވެދާނެ،" އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި ކަމުގައި ރައްކާތެރި ނުވެއްޖެނަމަ އިތުރު ބިރުވެރިކަން ވެސް އެބަހުރި ކަމަށެވެ. ބޭހަކީ ވެސް ރާއްޖެއަށް އިމްޕޯޓްކުރާ އެއްޗެއް ކަމަށާއި ބޭހުގެ ދަތިކަން ކުރިމަތިވެދާނެކަމުގެ ބިރު ވެސް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން ބަލިވެ، ފަރުވާ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ވެސް އެބައޮތް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މާޗް 14، 2017: އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގާ ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ދުވަހުން ދުވަހަށް ބަލި ފެތުރޭ މިންވަރު ބަަަލަމުން ގެންދާނެ ކަމަށެވެ. އަދި އަބަދުވެސް އެޗްޕީއޭއިން އަތް ދޮވުމަށާއި ސާފުތާހިރުކަމުގެ އާދަތައް ހަރުލެއްވުމަށް އިލްތިމާސްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގޭގައި ވެސް ކާ އެއްޗެހި ތައްޔާރުކުރާއިރު ސާފުތާހިރުކަމުގެ މިންގަނޑުތައް ކަށަވަރުކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ. އަދި ބޭރުގައި އުޅެފައި އެހެން ތަނަކަށް ގޮސް ކާ އެއްޗެއް ކާ ނަމަ އަތް ދޮވުމަކީ ވެސް މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ބަލި ވަރަށް ފަސޭހައިން އެބަ ފެތުރޭކަމަށާއި ރައްކާތެރި ނުވެއްޖެނަމަ ވަރަށް ގިނަ މީހުންނަށް ބަލިޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ބައެއް ފަހަރަށް ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގައި ބޮޑުވަރުވުމަކީ ވެސް އެކަށީގެންވާ ކަމެެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބޭރަށް ހިންގައި، ބަނޑުގައި ރިއްސުމާއި ހޮޑުލެވުމުގެ ކޭސްތައް އިތުރުވަމުން އައިސްފައިވަނީ ފާއިތުވި ދެ ހަފުތާ ތެރޭގައިކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

މިއަދަކީ މާޒީން އިބުރަތް ހޯދަން ޖެހޭ ދުވަހެކެވެ. ކޮވިޑުގެ ބަލިމަޑުކަން ނަގައިދިން ފިލާވަޅު ހަނދާން ކުރަން ޖެހޭ ދުވަހެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެ ދުށް 300އަށްވުރެ ގިނަ މަރު ހަނދާންކޮށް، ރައްކާތެރިވާންވީ ދުވަހެވެ.

ދިވެހީންގެ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ސާފުތާހިރުކަމަށް ދެވޭ ސަމާލުކަން ބައެއް ފަހަރަށް ވަރަށް ކުޑައެވެ.

ފެތުރެން މި ފެށި ރޯގާއަކީ އިންޒާރުގެ ރަނގަބީލެކެވެ. ރައްކާތެރި ނުވެއްޖެނަމަ އޮތް ނުރައްކާ މާ ބޮޑުވެދާނެއެވެ!

comment ކޮމެންޓް