ޑޮކްޓަރަކަށް ވުމަށް ހިތުގައި އަޒުމް ކަނޑައެޅުނީ ސިއްހީ ޚިދުމަތް ހޯދުމުގައި ދިވެހިންނަށް ހުރި ގޮންޖެހުންތައް ފެނުމުންނެވެ. އޭރު އުމުރުން ކިތަންމެ ހަގަސް ދެކުނީ ބޮޑުވެގެން ޑޮކްޓަރަކަށްވެ ދިވެހިންނަށް ޚިދުމަތް ކޮށްދިނުމުގެ ފޮނި ހުވަފެންތަކެވެ. ކުޑަ އިރު ހިތުގައި ކަނޑައަޅާ އަޒުމް ގިނަފަހަރަށް ބަދަލު ވިޔަސް ޑރ. އަބްދުﷲ އަފީފްގެ އަޒުމް މާ ވަރުގަދައެވެ. އޭނާ ސާބިތުވެ ހުރީ ޑޮކްޓަރަކަށް ވެ ގައުމަށް ޚިދުމަތް ކުރުމުގެ އަޒުމްގައެވެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއޭ ބުނާ ފަދައިން ދިމާވި ގޮންޖެހުންތަކާ އެކު ވެސް ފަސްޖެހުމެއް ނެތެވެ. މިއަދު ޑރ. އަފީފް ދިރިއުޅުއްވަނީ އޭރު ދެކުން ހުވަފެންތަކުގެ ތެރޭގައެވެ.
ޑރ. އަފީފަކީ ރާއްޖޭގެ އެންމެ ފުރަތަމަ ކުޑަކުދިންގެ ޑޮކްޓަރެވެ. ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އެމީހުންގެ ދަރިފުޅު ޑރ. އަފީފްގެ ގާތަށް ގެންދަނީ ޖެހިލުންވުމެއް، ބިރުވެތިކަމެއް ހިތުގައި ނެތިއެވެ. ޑރ. އަފީފްއަށް މައިންނާއި ބަފައިން ކުރާ އިތުބާރު އެހާވެސް ބޮޑެވެ.
"ސްކޫލު ދައުރުގަ އަޅުގަނޑު ކިޔެވި އިރުގަ ގަމުގަ އިނގިރޭސިން ހިންގި ހޮސްޕިޓަލެއް. އޭރު ރާއްޖޭގެ ހުރިހާ ހިސާބުތަކުން ދާނެ އައްޑޫއަށް ބޭސްފަރުވާ ހޯދަން މިހާރު އަޅުގަނޑުމެން އިންޑިއާ ލަންކާއަށް ދާގޮތަށް. އެ މީހުން ހަނދާންވާ ގޮތުގަ 1976ވަނަ އަހަރު ގަމުން ފޭބީމަ ސިއްހީ ޚިދުމަތް ގަމަށް ނުލިބެން ފެށީމަ ހިތަށް އެރީ މިއީ ކުރަން ރަނގަޅު ކަމެކޭ،" ޑޮކްޓަރުކަމަށް ހިތުގައި ޝައުގުވެރިކަން އުފެދުނު ގޮތް ޑރ. އަފީފް ކިޔައިދެއްވިއެވެ.

އީޕީއެސްގައި ޑރ. އަފީފްއާ އެކު އޯލެވެލް ހެދި ބެޗް ---
އައްޑުއަށް އުފަން އަފީފް އޭރު ހުންނެވީ މާލޭގައި ކިޔަވާށެވެ. އޯލެވެލް ކިޔަވައި ނިމުން އިރު، ޔުނިވާސިޓީ ތައުލީމު އިޚްތިޔާރު ކުރާ ދަރިވަރުން އޭލެވެލް ހަދަން ޖެހޭގޮތަށް ސަރުކާރުން ނިންމިއެވެ. އެހެންކަމުން ޑރ. އަފީފް ނިންމެވީ އޭލެވެލް ކިޔެވުމަށެވެ.
ސިއްހީ ދާއިރާއަށް ވަދެވަޑައިގަތުން
އޭލެވެލް ނިމުނުތަނާހެން ސަރުކާރުން އޭލެވެލް ނިންމި ކުދިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލިއެވެ. މިއީ ޑރ. އަފީފް ސިއްހީ ސާއިރާއަށް ނުކުތުމަށް ހުޅުވުނު ދޮރާއްޓެވެ.
"އޭރުގަ ސަރުކާރުން ވަޒީފާ މިދެނީ. މިހާރާ ވަރަށް ތަފާތު. މީހުން މަދުވެފަ ވަޒީފާ ގިނަވެފަ އޮންނަނީ،" އޭރު ސަރުކާރުގެ ހާލަތާއި ވަޒީފާތައް ފަހިކަށް ޑރ. އަފީފް ކިޔައިދެއްވިއެވެ.

މެޑިކަލް އަދި ޑެންޓަލް ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އިރު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ---
"އޭރު އެ މިނިސްޓްރީއަކާ ގުޅޭ ދާއިރާއަކުން ކިޔަވާ ބަޔަކު އެ މިނިސްޓްރީއެއްގެ ވަޒީފާތަކަށް ގެންދަނީ. އަޅުގަނޑު މެޑިސިން ހަދަން ޝައުގުވެރިކަން ހުރީމަ އަޅުގަނޑު ގެންދިޔައީ ހެލްތު މިނިސްޓްރީއަށް. އެކަމަކު އަޅުގަނޑަށް ވަޒީފާ ދެއްވީ ހެލްތު މިނިސްޓްރީގެ ސެކެޓްރީއެއްގެ ގޮތުގައި،"
އެ ވަޒީފާއާއެކު ސިއްހީ ދާއިރާގެ ތެރެއަށް ޑރ. އަފީފް ފުރަތަމަ ފިޔަވަޅު އެޅުއްވީ ހިނިތުންވެ ހުރެއެވެ.
ކިޔެވުމުގެ ފުރުސަތު ފަހިވީ ވެސް ހެލްތު މިނިސްޓްރީގައި ވަޒީފާގައި އުޅުއްވަނިކޮށެވެ. އެއީ ސަރުކާރުން ފަހިކޮށްދިން ސްކޮލަޝިޕްގެ ފުރުސަތެކެވެ. ނަމަވެސް، ކަންތަންވީ އެންމެ އުންމީދު ކުރި ގޮތަކަށް ނޫނެވެ. އިންޑިއާގެ ޖައިޕޫރުން އެފަހަރު މެޑިސިން ހެދޭގޮތެއް ނުވިއެވެ. ސްކޮލަޝިޕް ހަމަޖެހި އިންޑިއާގެ ވެއްލޫރުގައި ކިޔަވަން ފެށުނީ އޭގެ އަހަރެއް ފަހުން 1986ގައެވެ.

އެމްބީބީއެސް ކިޔެވި އިރު --
"މެޑިސިން ހަދައިގެން އައިފަހުން ވަޒީފާ ދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން،" ޑރ. އަފީފް ވިދާޅުވިއެވެ.
އޭރުގެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުންނާނީ މިހާރު ހުންނަހެނެއް ނޫނެވެ. ޑރ. އަފީފް އޭރުގެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ސިފަކުރެއްވީ ސިއްހީ ޚިދުމަތްދޭ ގެއެއްގެ ގޮތުގައެވެ. އެތަނުގައި ޑރ. އަފީފްގެ އިތުރުން މަސައްކަތް ކުރެއްވީ ބައެއް ހެލްތު ވޯކަރުންނާއި އެމެރިކާ ޑޮކްޓަރެކެވެ.
ކުޅުދުއްފުށީގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށް ފަހު ޑރ. އަފީފް ބަދަލުވެ ވަޑައިގަތީ މިހާރު އޭޑީކޭ ހުންނަ ތަނުގައި އޭރު ހުރި ސެންޓްރަލް ހޮސްޕިޓަލަށެވެ. އެއަށްފަހު މަސައްކަތް ކުރެއްވީ އައިޖީއެމްއެޗްގައެވެ.

ޑރ. އަފީފަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ވުމުގެ ފުރުސަތު ލިބިވަޑައިގަތީ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަނިކޮށް 1997ހިސާބުގައެވެ.
"ދެން އަޅުގަނޑު އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ޕީޑިއެޓްރިކްސް ކޯހުގަ ދިޔައީ. ގޮސް ޕީޑިއެޓްރިކްސްގެ ރޮނގުން މާސްޓާސް ހަދައިގެން ރާއްޖެ އައި އިރު އަޅުގަނޑު މިއީ ޕީޑިއެޓްރިކްސް ހަދައިގެން ރާއްޖެއަށް އައި ފުރަތަމަ ދިވެހި ޑޮކްޓަރު،" ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށްވުމަށް ކުރި ދިގު އަދި ބުރަ މަސައްކަތް ހިއްސާކުރައްވަމުން ޑރ. އަފީފް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގައި ކުރިމަތިވި ގޮންޖެހުންތައް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވި ދުވަސްތަކަކީ ސިއްހީ ދާއިރާގައި އެންމެ ގިނަ ގޮންޖެހުންތައް ތަޖުރިބާ ކުރަން ޖެހުނު ބާބެވެ. އަދި މިއީ އެންމެ ތަފާތު ކަންކަމާ ވެސް ކުރިމަތި ވި ދުވަސްވަރެވެ.
"އޭރު ވާގޮތަކީ އަމިއްލައަށް މި ކުޅެން ޖެހެނީ އެންމެ ބޮޑު ސްޕެޝަލިސްޓުންގެ ވެސް ރޯލު. މިހާރު ހުންނަ ފެސިލިޓީތަކެއް ވެސް ނުލިބޭ. އެންމެ ކުޑަމިނުން ޓެލެފޯނުގެ ޚިދުމަތް ވެސް ނުލިބޭ،" ސިއްހީ ދާއިރާގައި ދިމާވި ގޮންޖެހުންތައް ޑރ. އަފީފް ހިއްސާ ކުރެއްވިއެވެ.
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި ނެތުމުން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްގެ ލަފާހޯދުން ވެސް އޭރު ވަނީ ވަރަށް ދަތި ކަމަކަށެވެ. އެހެންކަމުން ހުރިހާ މަސައްކަތެއް ވެސް ކުރެއްވިކަމަށް ޑރ. އަފީފް ވިދާޅުވިއެވެ.

"މިޒަމާނުގަ ވެއްޖެއްޔާ ވަރަށް ފަސޭހައިން ޓްރާންސްޕޯޓު ކުރެވޭގޮތާ އެކަހަލަ ކަންތައްތައް އޮވެފަ، ހަމަ ފޯނު ނަގައިގެން ސީނިއާ ބޭފުޅެއްގެ ލަފާ ވެސް ހޯދާލެވޭނެ. އަދި ނުވެއްޖެއްޔާ އިންޓަނެޓުން ވެސް ބަލާލެވޭނެ. އެކަމަކު އޭރު އަޅުގަނޑުމެން ޖެހެނީ ހަމަ ލިބިފަ ހުރި މައުލޫމާތުން މަސައްކަތް ކުރަން،" އޭރު އަތޮޅުތެރޭގައި ސިއްހީ ނިޒާމް އޮތް ގޮތް ޑރ. އަފީފް ކިޔައިދެއްވިއެވެ.
އެފަދަ ދަތި ހާލަތެއްގައި ވެސް ހިތްވަރު އެލުވާނުލާ ކުރިއަށް ދެވުނީ އެ މަސައްކަތުގެ އަގު މީހުން ވަޒަންކުރާތީއެވެ.
ކިޑްނީ ބަލި ތަހަންމަލް ކުރަން ޖެހިވަޑައިގަތުން
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ހުވަފެންތަކުގައި ކުލަ ޖެހިފައިވާ މަންޒަރު މަޑުމަޑުން ފަނޑުވާން ފެށީ 2004 ވަނަ އަހަރާ ހިސާބުންނެވެ. ޑޮކްޓަރީ ހަޔާތް ކަޅު ވިލާތަކުން ބަނަކޮށްލީ ކިޑްނީ ބައްޔާ ކުރިމަތިލާން ޖެހުނު ހިސާބުންނެވެ. ނަމަވެސް، ހިތްވަރު އެލުވާލުމަކީ ޑރ. އަފީފް ދެކެވަޑައިގަންނަވާ ކަމެއް ނޫނެވެ. އޭރު ބެންކޮކުން ފަރުވާ ހޯއްދަވަމުން ވެސް ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގައި ދެމިހުއްޓެވެ.
ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ވަޒީފާގައި ބުރަކޮށް ނޫޅެވޭނެތީ އޭރު ހުރި ވަޒީފާ، އައިޖީއެމްއެޗްގެ ޕީޑިއަޓްރްރިކްސް ޑިޕާޓްމަންޓުގެ ހެޑް ކަމުން އިސްތިއުފާ ދެއްވިއެވެ.
ކިޑްނީ ބައްޔަށް ފަރުވާ ހޯއްދެވުމަށް 2012ވަނަ އަހަރު ޑރ. އަފީފް އިންޑިއާގައި ހަ މަސްދުވަސް ހޭދަކުރެއްވިއެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓް ހައްދަވާ، ޓްރާންސްޕްލާންޓަށް ފަހު އަލުން މަސައްކަތަށް ނުކުމެ ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.
"ٱلْحَمْدُ لِلَّٰهِ ޓްރާންސްޕްލާންޓަށް ފަހު އަޅުގަނޑު ހަމަ ގަވާއިދުން މަސައްކަތް ކުރަމުން މި ގެންދަނީ،"
ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއަރާފައިވާ މިންވަރާމެދު ދެކިލައްވާ ގޮތް
ރާއްޖޭގެ ސިއްހީ ނިޒާމް ބަދަލުވި ގޮތް އެންމެ ކައިރިން ފެނިލައްވާނެ އެކަކަކީ ޑރ. އަފީފްއެވެ. އޭނާ ގަބޫލުކުރައްވަނީ ރާއްޖޭގައި ސިއްހީ ނިޒާމް ރޭވިފައިވާ ގޮތް ރަނގަޅު ކަމަށެވެ. ނަމަވެސް މި ޚިދުމަތް އަދިވެސް ރަނގަޅު ކުރަން ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ޑރ. އަފީފް ގަބޫލުކުރައްވައެވެ.
މި ގަބޫލުކުރުމަކީ އެހެން މީހުންގެ ގަބޫލުކުރުންތަކާ ތަފާތުވެދާނެ ގަބޫލުކުރުމެކެވެ. ޑރ. އަފީފް ދެކެލައްވާ ގޮތުގައި ރާއްޖޭގައި އޮތް ޕްރައިމަރީ ހެލްތް ކެއާ ސިސްޓަމް ބަދަލު ނުކުރެއްވި ނަމަ، މިހާރަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތެއް އަގު ހެޔޮކޮށް ލިބޭނެއެވެ.

މެޑިކަލް ކޭމްޕެއްގެ ތެރެއިން
"ސިއްހީ މަރުކަޒުތަކުގައި އޭރު ތިއްބެވި ހެލްތު ވޯކަރުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާ، ވެކްސިން ދިނުމާ، މަދިރި ކޮންޓްރޯލް ކުރުމާ އެކަހަލަ ވަރަށް ގިނަ މަސައްކަތްތަކެއް އޭރު ކުރެވެމުން ދިޔަ،" ޑރ. އަފީފް ވިދާޅުވިއެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ މަސައްކަތް އެގޮތަށް ޑޮކްޓަރުންނަކަށް ނުކުރެވެއެވެ. އެހެންކަމުން ޑރ. އަފީފް ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމްކޮށް، ސިއްހީ މަރުކަޒުތަކުގައި ހެލްތް ވޯކަރުން ބޭތިއްބުމުން ސިއްހީ ނިޒާމު މިއަދު މިއޮތް ގޮތަށްވުރެ ފެންވަރު ރަނގަޅުކޮށް ގެންދެވޭނެއެވެ.
ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުން
ސިއްހީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ޑރ. އަފީފް ސިޔާސީ މައިދާނަށް ވެސް ނުކުމެ ވަޑައިގަތެވެ. ނަމަވެސް އެ މަސައްކަތް ޑރ. އަފީފް ސިފަކުރައްވަނީ ހެދުނު ކުޑަ 'މިސްޓޭކެއް'ގެ ގޮތުގައެވެ. އެ ސުވާލު ކުރުމުން ހިނިގަނޑަކާއެކު ޑރ. އަފީފް ވިދާޅުވީ އެއީ ވަރަށް "އިންޓްރެސްޓިން" ވާހަކައެއް ކަމަށެވެ.
ކުޅުދުއްފުށީގައި މަސައްކަތް ކުރެއްވި އިރު، ހދ. އަތޮޅުގެ ގިނަ ބައެއްގެ ސަޕޯޓް ޑރ. އަފީފަށް ލިބިވަޑައިގަތެވެ. އަދި އެ އަތޮޅު ބަޔަކު އައިސް މަޖިލީހަށް ކުރިމަތި ލައިފި ނަމަ ހޮވައިދޭނެކަމަށް ބުންޏެވެ. ނަމަވެސް ކުރިމަތިވި ސިޔާސީ ހުރަސްތަކަކާ އެކު އެފަހަރު މަޖިލީހުގެ މެމްބަރުކަމަށް އޭނާ ކުރިމަތި ނުލެއްވީއެވެ. އެފަހަރު މަޖިލިސް މެމްބަރު ކަމަށް ކުރިމަތި ލުމުގެ ޚިޔާލު ދޫކޮށްލެވި ނަމަވެސް ދޫކޮށް ނުލެވުނު އެކައްޗަކީ ސިޔާސީ ދާއިރާއަށް އުފެދުނު ޝައުގުވެރިކަމެވެ.
"އޭރު ކުރިމަތި ލެއްވި ސަރުކާރުގެ ކެނޑިޑޭޓުންނަށް އަޅުގަނޑު ހަމަ ކެމްޕެއިން ވެސް ކޮށްދިނިން. އެ ދުވަސްވަރަށް ފަހު ޓްރަސްޓެއް އެކަމުގަ އޮތް،" ޑރ. އަފީފް ވިދާޅުވިއެވެ.
އެ ޝައުގުވެރިކަމުގައި ހުއްޓާ 2008ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވިއެވެ.
"އޭރު އެކި ބޭފުޅުން ދައްކަވަމުން ގެންދިޔަ ވާހަކައިގަ އަޅުގަނޑު ހީކުރީ ޕޮލިޓިކްސް އަކީ ވަރަށް ކްލީން އެއްޗެއްގެ ގޮތުގައި ދާނެކަމަށް،"
އެއަށްފަހު 2009ވަނަ އަހަރު އުފަން ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ކުރިމަތި ލެއްވިއެވެ. ނަމަވެސް އެފަހަރު ލިބިވަޑައިގަތީ ނާކާމިޔާބީއެކެވެ. މިއަދު ޑރ. އަފީފް އެ ނާކާމިޔާބީ ސިފަކުރައް ވަނީ ނަސީބެއްގެ ގޮތުގައެވެ.
"އެއީ އަޅުގަނޑު އެކްސްޕެކްޓް ކުރި ކަހަލަ މަންޒަރުތަކެއް ނޫން ޕޮލިޓިކްސް ތެރެއިން ފެންނަން ފެށީކީ. ހެލްތީ ޕޮލިޓިކްސް އެއް ނޫން ދަނީ އެހެންވީމަ އަނެއްކާ ވެސް އެނބުރި އަޅުގަނޑު ހުރި ޕަބްލިކް ސާވިސްއަށް ބަދަލުވީ،" އޭނާ ވިދާޅުވިއެވެ.
ސިޔާސީ ދާއިރާއަށް ފުރަގަސްދީ އަލުން ޑޮކްޓަރީ ހެދުން ތުރުކުރެއްވި އިރު، ޑރ. އަފީފް ވިދާޅުވީ މިހާރު އެ ޝައުގުވެރިކަން ވެސް ހިތުގައި ނެތް ކަމަށެވެ.
ކާމިޔާބީގެ ސިއްރަކީ އަޒުމް ބަދަލު ނުކުރެއްވުން
ޑރ. އަފީފްގެ ކާމިޔާބީގެ އަސްލު ކަމުގައި އޭނާ ގަބޫލުކުރައްވަނީ ކުޑަ ކުއްޖެއްގެ ގޮތުގައި ހުރިއިރު ނިންމި ނިންމުމުގައި ދެމި ހުރުމެވެ.

"1976ގަ އެ ނެގި ޑިޒިޝަން. އޭރު ކުޑަ ކުއްޖެއްގެ ގޮތުގަ ހުރީ ވެސް. އެކަމަކު އެ ޝައުގުވެރިކަން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވުންއެއީ ހިތްވަރު އެލުވާނުލި ސަބަބު،"
އޭނާ ވިދާޅުވީ މާޔޫސްވެ 'ޑީމޯޓިވޭޓް'ވާ ކަންކަމާ ދިމާވި ކަމަށެވެ. ނަމަވެސް ހިތްވަރު އެލުވާނުލުމުން ކާމިޔާބު ހޯދޭނެ ކަމަށް އަފީފް ވިދާޅުވިއެވެ.