ބަލި ފެތުރެނީ ކާއެއްޗެއްގެ ސަބަބަކުން ނޫން، އެއީ ވައިރަސްއެއް: އެޗްޕީއޭ

ޖުލަގިނަ އަދަދެއްގެ ބަޔަކު އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަނީ މަގުތަކުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ހަލުވި ކަމާ އެކު ފެތުރެމުން ދަނީ ކާ އެއްޗެއްގެ ސަބަބުން ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އައިޖީއެމްޗާއި އޭޑީކޭ އަދި ސެނަހިޔާގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށް ރެއިން ފެށިގެން ބޭރަށް ހިންގާ ހޮޑު ލެވެތީ އެތައް ބަޔަކު ވަނީ ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާފައެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ ހޮޑުލެވި ބޭރަށް ހިންގުން އިތުރު ވެފައިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބޭއްވި ފުޅަނދު ބުރުގައި ބެހި މެޓާތަކެއް ކެއި ފަހުން ކަަމަށެވެ.

އެ މެޓާތަކުގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުުވުން ފާޅުކުރަމުން އަންނައިރު، އެޗްޕީއޭއިން އެ ވާހަކަތައް ދޮގުކޮށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ބަލިމަޑުކަން ފެތުރިފައި ވަނީ ވައިރަހެއްގެ ސަބަބުން ކަމަށެވެ.

އަދި، މި ބަލިމަޑުކަމާ ގުޅޭ ގޮތުން އިތުރަށް ދެނެގަތުމަށް އެ އިދާރާއިން މަސައްކަތް ކުރަމުން ދާއިރު، ސަލާމަތީ ފިޔަވަޅު އަޅައި، ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ބޭރަށް ހިންގައި، ބަނޑުގައި ރިއްސުމާއި ހޮޑުލެވުމުގެ ކޭސްތައް އިތުރުވަމުން އައިސްފައިވަނީ ފާއިތުވި ދެ ހަފުތާ ތެރޭގައިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި، މިއީ އެހެން އަހަރުތަކުގައި ވެސް ޗުއްޓީ ދުވަސްވަރު އިތުރުވާ ބައްޔެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މާލޭ ސަރަަހައްދުގައި ބަލިމަޑުކަން އިތުރުވަމުން އަންނާތީ، މިނިވަން ދުވަހާ ގުޅިގެން ބާއްވަން ރާވާފައިވާ ބައެއް ހަރަކާތްތައް ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

އެގޮތުން، މިރޭ ހުޅުމާލޭގައި ބާއްވަން ނިންމާފައި އޮތް ކާނިވަލާއި ހަވާ އެރުވުން އަދި ޑްރޯން ޝޯ ވެސް ވަނީ ކެންސަލްކޮށްފައެވެ. ކެންސަލް ކުރެވުނު ހަރަކާތްތައް ބާއްވާނެ ތާރީޚެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް